ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި 10 އެޕްރީލް 2025 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތު ދީފިއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ސާތިޝް ސަޢީދު (ހަސީނީވިލާ، ސ.ފޭދޫ)، ކުރީގެ ސީނިއަރ އިންޖިނިއަރ މުޙައްމަދު ޢާޞިދު (ނިރޮޅުމާގެ، ތ.ތިމަރަފުށި) އަދި ކުރީގެ ސުޕަވައިޒަރ ޙުސައިން އާސިރު (ފަޅޯމާގެ، ސ.ފޭދޫ) ގެ މައްޗަށެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، މި ތިން ފަރާތުން ބޭނުންކޮށްފައިވެއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތުގެ ދަށުން ކުށެއްކުރަން އެދުމުގެ ކުށާއި، ކުށެއްކުރަން ރޭވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފެނަކައަށް އަންގާފައިވާ ގޮތުގައި، މި މައްސަލައިގައި 623,208.80 ރުފިޔާ (ހަސަތޭކަ ތޭވީސް ހާސް ދުއިސައްތަ އަށް ރުފިޔާ އަށްޑިހަ ލާރި) އަނބުރައި ހޯދަންޖެހެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވޭތީ، އެކަން ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!