ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނަސް މި މަގާމަށް އައްޔަނުކުރެއްވީ 13 މާރިޗް 2025 ގައެވެ.
ގާނޫނު ބުނާ ގޮތުން އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. އެ މަޤާމަށް އަނަސް ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ، މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް، 87 މާސްކްސް އާއިއެކު އޭނާ އަކީ މަޤާމަށް ޤާބީލު ބޭފުޅެއްކަމަށް ވަނީ ނިންމަވާފައެވެ.
ކޮމެޓީގެ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އަނަސް އަށް ރުހުން އޮތްތޯ ބެލުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ރުހުން އޮތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ ވޯޓުންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުހިންމު މުއައްސަސާއެކެވެ.
ޕީސީބީގެ ރައީސްކަމުގައި ކުރިން ހުންނެވީ ޙަމްދީ ޢަޤީލް އެވެ. އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!