ޣައްޒާގެ އަލް-މަމަދާނީ ހޮސްޕިޓަލަށް އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ދިން ހަމަލާ ސަޢޫދީ ޢަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ކަން ހާމަކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީންނެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ޚާއްޞަކޮށް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. އެގޮތުން، އާންމު ރައްޔިތުންނަށް ދެމުންދާ ތަކުރާރު ހަމަލާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާ އަދާކުރުމަށް ގޮވާލާފައިވެއެވެ.
މީގެއިތުރުން، އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކުރަމުންދާ ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެގެން ހިނގައިދާނެކަމުގެ އިންޒާރު ސަޢޫދީ ޢަރަބިއްޔާއިން ދީފައިވެއެވެ.
މި ހަމަލާއަކީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި އަދި އިންސާނިއްޔަތާ ޚިލާފު އެއް ހާދިސާ ކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން ގިނަ ޤައުމުތަކުން ވަނީ އިސްރާއީލުގެ ޢަމަލު ކުށްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!