ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމީ މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މިއަދު ކޮމެޓީން ނިންމާފައިވާއިރު، މިއަދުގެ ކޮމެޓީގެ މި ބިލަށް، ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދު ވަނީ ދެ މުހިންމު އިސްލާހެއް ހުށަހަޅުއްވާފައެވެ.
އޭގެ ތެރޭގައި، 2023 ވަނަ އަހަރުގެ އޮކްޓޮކްޓޯބަރު 7 ގައި އިސްރާއީލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހެޅުމާއި، އިޒްރޭލު މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ވެސް ރާއްޖެ އެތެރެވުން މަނާކުރުމަށް އޮތް މާއްދާ އުނިކުރުން ހިމެނެއެވެ.
މި އިސްލާހުތަކަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލެވެ.
މި އިސްލާހުތަކާއެކު ބިލު ފާސްކުރަން ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މި ނިންމުމާއި ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
އިސްރާއީލުން ދަނީ ފަލަސްތީނުގެ މުސްލިމް ނަސްލު ނައްތާލައި، މުސްލިމުންގެ ބިންތައް ނުހައްގުން ފޭރުމަށް ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ. އިސްރާއީލުގެ ލާއިންސާނީ އަނިޔާގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ ބައި ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!