ހުޅުމާލެގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގުމުން، ފުލުހުންގެ މަސައްކަތުން އެ ކާރު ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފިތުރޯނު މަގުގައި ރޭ 23:50 އެހާކަށްހާއިރު ޕާކުކުރި ކާރު، 1 ގަޑި އިރާއި 15 މިނެޓް ވަރު ފަހުން ކާރު ޕާކު ކުރި ސަރަހައްދުގައި ނެތުމުން ކާރު ތެރޭގައި ތަޅުދަނޑި ބޭއްވިފައިވާކަމަށް ބުނެ ކާރުގެ ވެރިމީހާ ވަގުތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.

Ad
rt

ފުލުހުން މި މައްސަލަ ތަހުގީގުކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ބެލި ބެލުމުން، ވަގަށް ނެގި ކާރަށް އަންހެނަކާއި ފިރިހެނަކު އަރައިގެންދާ މަންޒަރު ފެނެއެވެ.

މި މައްސަލައާ ގުޅިގެން ކާރު ހޯދައި އެ ސަރަހައްދު ދެނެގަނެ ކާރު އޮތްތަނަށް ފުލުހުން ދިޔައިރު އެވަގުތު ކާރުގެ ތެރޭގައި މީހަކު ނެތެވެ. އަދި އެ ސަރަހައްދަށް ކާރުގެ ވެރި ފަރާތް ހާޒިރުކޮށް، ފުލުހުންވަނީ ކާރު ބަލާ ފާސްކޮށްފައެވެ. އެގޮތުން ކާރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ކާރު ތެރޭގައި ބާއްވާފައި އޮތް ރިމޯޓް ނެތްކަން ފާހަގަވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.