ރަޝިޔާއިން ޔުކްރެއިންގެ އިރުމަތީ އުތުރުގައި އޮންނަ ސުމީ ސިޓީއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި މަދުވެގެން 34 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޔުކްރެއިންގެ އޮފިޝަލުން ބުނާ ގޮތުގައި، އާދިއްތަ ދުވަހު ހެނދުނު 10:15 ގައި ދެ މިސައިލެއް ސިޓީގެ މެދުތެރެއަށް ވަނީ އަރާފައެވެ. އެ ވަގުތަކީ ކްރިސްޓިއަން ދީނުގެ ހޯލީ ވީކްގެ ފުރަތަމަ ދުވަސް ކަމަށްވާ ޕާމް ސަންޑޭ ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެފައިވާ ވަގުތެކެވެ.

Ad
rt

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި މި "ބިރުވެރި" ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔެ އަޑުމަޑުކޮށް ނުވަތަ އަޅާނުލާ ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ރަޝިޔާގެ މި ހަމަލާތަކަށް ކުށްވެރިކުރުން ނޫން އެހެން އެއްވެސް ގޮތެއްނެތް، ރަޝިޔާއަށް ބާރުއަޅައިގެން މި ހަނގުރާމަ ހުއްޓުވައި، މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ." ޒެލެންސްކީ ވިދާޅުވިއެވެ.

އިމަޖެންސީ ސަރވިސަސްއިން ބުނާ ގޮތުގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މި ހަމަލާއާ ގުޅޭ ގޮތުން ރަޝިޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާ ދިން ވަގުތަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެކެވެ. ރަޝިޔާއިން ޔުކްރެއިންއަށް ފުޅާ ދާއިރާއެއްގައި ހަމަލާދެމުންދާތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން ވަނީ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްތަކެއް ފަށާފައެވެ.