ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާގެ ފުރަތަމަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން މިއަދު ބައިގަޑިއިރަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ރޭ ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައި ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.

Ad
rt

މިގޮތުން، ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރުމަށްޓަކައި މިއަދު (13 އެޕްރީލް 2025) ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

އާންމުކޮށް ކަރަންޓު ވިއުގައިގެ މެއިންޓެނަންސް ނުވަތަ އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތްތައް ސްޓެލްކޯ އިން އަންނަނީ ކޮންމެ ދުވަހަކުހެން ކުރަމުންނެވެ.

ސްޓެލްކޯ އަކީ ގްރޭޓާ މާލޭގެ އިތުރުން ކ. އަތޮޅާއި، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކުގެ ކަރަންޓްގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުންޏެވެ.