އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވުމުން، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ލިވަޕޫލަށް ފުރުސަތު ބޮޑުވެއްޖެއެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 31 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލުން އެއްމެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއްވަނާގައި އޮތް ލިވަޕޫލާއި ދެވަނާގައި އޮތް އާސެނަލާއި ދެމެދު މިހާރު ވެސް 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓްހޭމްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން އެއްވަނާގައި 13 ޕޮއިންޓް ލީޑެއް ނެގުމުގެ ފުރުސަތު އެ ޓީމަށް އޮތީ ފަހިވެފައެވެ.
ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ތަފާތު ބޮޑު ނަތީޖާއިން މެޗު ކާމިޔާބުކުރި ނަމަވެސް ރޭ އާސެނަލަށް ވަނީ އެ މޮޅު ކުޅުން ތަކުރާރު ނުކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޑެކްލަން ރައިސްގެ އެހީތެރިކަމާއިއެކު ޖަހައިދިނީ ތޯމަސް ޕާޓީއެވެ. ބްރެންޓްފޯޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 74 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލަނޑުޖަހައިދިނީ ވިސާއެވެ.
ލީގުގައި ލިވަޕޫލަށް ބާކީ 7 މެޗު އޮތްއިރު އާސެނަލަށް ލީގުގައި ބާކީ އޮތީ ހަ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!