އިސްރާއީލު ސިފައިން ޣައްޒާގެ ގިނަ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ފުޅާކުރަން ނިންމައިފިއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިޢުލާނުކުރިގޮތުގައި އެ ޤައުމުގެ ސިފައިން ޣައްޒާގެ ގިނަ ސަރަޙައްދުތަކަށް "ހަރުކަށި" ގޮތެއްގައި ހަމަލާތައް ފުޅާކުރާނެއެވެ. މި އިޢުލާނާއެކު، އިސްރާއީލުގެ ސިފައިން ޣައްޒާގެ ދެކުނުގައިވާ ރަފާ އަދި ހާން ޔޫނިސް ސިޓީތައް ވަކިކޮށްލާ "ސެކިއުރިޓީ ޒޯނެއް" ޤާއިމުކޮށްފައިވާ ކަމަށްވެސް އިސްރާއީލް ކަޓްޒް ބުނެފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން ހާން ޔޫނިސް އަދި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުގެ މީހުން ސަލާމަތްތެރިކަމަށްޓަކައި އެ ސަރަޙައްދުތައް ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ. މިއީ ޣައްޒާއިން ހަމާސްގެ ފަރާތުން ޒިންމާ ނަގައިގެން އިސްރާއީލަށް ފޮނުވާލައިފައިވާ މިސައިލްތަކަށް ޖަވާބު ދިނުމުގެ ގޮތުން ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާތީ ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުން މާރިޗު 18 ގައި ދެ މަސްދުވަހުގެ ހުއްޓުމަކަށްފަހު ހަމާސްއާ ދެކޮޅަށް އަލުން ހަނގުރާމަ ވަނީ ފަށައިފައެވެ. އޭގެފަހުން، އިސްރާއީލުގެ ސިފައިން ޣައްޒާގެ ބޮޑެތި ސަރަޙައްދުތަކެއް ހިފައި، އަނެއްކާވެސް އެތައް ސަތޭކަ ހާސް ޣައްޒާގެ ރައްޔިތުން ނިކަމެތި ހާލުގައި ޖެއްސިއެވެ.
އިސްރާއީލުގެ ސިފައިން މިހާރު ވަނީ ފަލަސްތީނުގެ މުޅި ސަރަޙައްދުގެ ބޯޑަރުތަކުގައި ބިންތަކެއް ހިފައި، އެ ބިންތައް ހަމަލާތަކުން ރައްކާތެރިވުމަށް ބަފަރ ޒޯނެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފައެވެ.
އިސްރާއީލުގެ އިސްވެރިން ބުނާ ގޮތުގައި މިހާރު ކުރިއަށްދާ ހަމަލާތަކުގެ މަޤްޞަދަކީ ޣައްޒާގައި ބަންދުކޮށްފައި ތިބި 59 ރަހީނުން (އޭގެ ތެރެއިން 24 މީހުން ދިރި ތިބިކަމަށް ޤަބޫލުކުރެވޭ) ދޫކޮށްލުމަށް ހަމާސްއަށް ބާރު އެޅުމެވެ.
ހޮނިހިރު ދުވަހު ކަޓްޒް ބުނީ އިސްރާއީލުގެ ސިފައިން "މޮރާގް އެކްސިސް" ހިފައިފައިވާ ކަމަށެވެ. މިއީ ރަފާ އާއި ހާން ޔޫނިސްއާ ދެމެދުގައި ކުރިން އޮތް ޔަހޫދީ އާބާދީއަކަށް ކިޔާ ނަމެކެވެ. އަދި މިކަމުން "ފިލަޑެލްފިޔާ އެކްސިސް އާއި މޮރާގްއާ ދެމެދުގައިވާ މުޅި ސަރަޙައްދު އިސްރާއީލުގެ ސެކިއުރިޓީ ޒޯނުގެ ބައެއްގެ ގޮތުގައި ހަދައިފި" ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!