އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގައި ޕެލަސްއިން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ފަސް ލަނޑު ޖަހައިގެން (5-2) މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ސިޓީ ޖެހިލައިފިއެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 31 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި 32 މެޗުން 63 ޕޮއިންޓް ހޯދައިގެން އާސެނަލް އޮތްއިރު ތިންވަނާގައި އޮތީ ނޮޓިންހަމް ފޮރެސްޓެވެ. އެ ޓީމަށް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ސިޓީ ހަތަރުވަނާގައި އޮތީ 32 މެޗުން 55 ޕޮއިންޓް ހަމަކޮށްގެންނެވެ. ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ގަދަ ހަތަރަކަށް ވާދަކުރާ ޓީމްތަކުގެ ތެރޭގައި އެސްޓަންވިލާއާއި ޗެލްސީގެ އިތުރުން ނިއުކާސަލް ހިމެނެއެވެ.

Ad
rt

ސިޓީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ޕެލަސް އިންނެވެ. ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި އެޒޭ ޖަހައިދިންއިރު ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ ރިޗާޑްސްއެވެ.

ސިޓީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޑިބްރޭނާ ޖަހައިދިންއިރު ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ޖަހައިދިނީ މާމޫޝްއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި މިޑްފީލްޑަރ މަޓިއޯ ކޮވަސިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަމަ ފަހަރަށް ސިޓީ އަށް ކުރި ހޯދަދީފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޭމްސް މެކާޓީއެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި ސިޓީއަށް ފަސްވަނަ ލަނޑު ޖަހައިދިނީ ނިކޯ އޮރެއިލީ އެވެ.