އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކަށް ފުރުޞަތު ދޭނެކަމަށް އީރާނުން މިއަދު ބުނެފިއެވެ.

މި މަޝްވަރާތައް ހޮނިހިރު ދުވަހު އޮމާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވާނީ އެ ގައުމުގެ ޚާރިޖީ ވަޒީރު އަރަގްޗީ އެވެ. އަދި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ވިޓްކޮފް އެވެ.

މި މަޝްވަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނަށް އިންޒާރުދީފައެވެ. މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އީރާނަށް ހަމަލާދޭނެކަމަށް އޭނާ ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ ނައިބު ޚާރިޖީ ވަޒީރު ވިދާޅުވީ ބިރުދެއްކުމާއި މަޖުބޫރުކުރުވުން އީރާނުން ބަލައި ނުގަންނާނެ ކަމަށެވެ.

އިޒްރޭލުން ދެކޭގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެ ގައުމުގެ ވުޖޫދަށް ނުރައްކަލެކެވެ. އެހެންކަމުން މި މަޝްވަރާތަކުގެ ނަތީޖާއަށް އިޒްރޭލުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

މި މަޝްވަރާތަކުގެ ނަތީޖާއަކީ ކޮބައިތޯ ބެލުމަށް މުޅި ދުނިޔެ ވެސް ދަނީ އިންތިޒާރު ކުރަމުންނެވެ. ސަބަބަކީ މި މައްސަލައިގެ ސަބަބުން މެދުއިރުމަތީގެ ސަރަޙައްދުގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.