ޓެކްނޮލޮޖީ ދުނިޔޭގެ ބޮޑު އެއް ކުންފުނި އެޕަލްއިން އިންޑިއާއިން އުފައްދާފައިވާ 600 ޓަނުގެ އައިފޯނު އެމެރިކާއަށް އެއަރލިފްޓް ކޮށްފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތުން ސަލާމަތްވުމަށް ކުރި މަސައްކަތެއް ކަމަށް ރޮއިޓަރސް އިން ބުނެއެވެ.
މި މަސައްކަތުގެ ތެރެއިން 1.5 މިލިއަނަށްވުރެ ގިނަ އައިފޯނު އެމެރިކާއަށް ފޮނުވާފައިވާ ކަމަށް ބެލެވެއެވެ. މިއީ އެމެރިކާގެ ބާޒާރަށް އައިފޯނުގެ ސްޓޮކް އިތުރުކުރުމަށާއި، ޓްރަމްޕްގެ ޓެރިފް ސިޔާސަތުން ސަލާމަތްވުމަށް އެޕަލްއިން ގެންގުޅޭ ސިއްރު ސްޓްރެޓެޖީގެ ބައެއް ކަމަށް ވެއެވެ.
ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް 125 އިންސައްތައިގެ ޓެރިފެއް ނަގާއިރު، އިންޑިއާއިން އިމްޕޯޓްކުރާ މުދަލަށް ނަގަނީ 26 އިންސައްތައިގެ ޓެރިފެކެވެ. ނަމަވެސް މިހާރު ޓްރަމްޕް ވަނީ 90 ދުވަހުގެ މުއްދަތަކަށް މި ޓެރިފް ހުއްޓާލާލާފައެވެ. އެހެންނަމަވެސް މި ހުއްޓާލުމުގެ ތެރޭގައި ޗައިނާ ނުހިމެނެއެވެ.
"އެޕަލްއިން ބޭނުންވީ ޓެރިފްއަށްވުރެ ކުރިއަށް ދާށް،" މި މަސައްކަތާ ގުޅޭ ގޮތުން ރޮއިޓާސް އަށް މަޢުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވިއެވެ.
އެޕަލްއިން އިންޑިއާގެ ވައިގެ ބެ ބަނދަރުގެ އިދާރާތަކާ މަޝްވަރާކޮށް، ޗެންނާއީ އެއަރޕޯޓުން ކަސްޓަމްސް ކްލިއަރެންސް ހޯދުމަށް ހޭދަވާ ވަގުތު 30 ގަޑިއިރުން 6 ގަޑިއިރަށް ކުޑަކޮށްފައިވެއެވެ. މިއީ އެޕަލްއިން ޗައިނާގެ ބައެއް އެއަރޕޯޓުތަކުގައި ބޭނުންކުރާ "ގްރީން ކޮރިޑޯ" އުސޫލު އިންޑިއާގައިވެސް ތަޢާރަފުކުރި ކަމަ ކަމަށް ބެލެވެއެވެ.
އެނަލިސްޓުންގެ ލަފާގައި، އެމެރިކާގައި އައިފޯނުގެ އަގު މައްޗަށް ދާނެ ކަމަށް ބުނެފައިވެއެވެ. އެއީ އެޕަލްއިން ޗައިނާއަށް ބަރޯސާވާ މިންވަރު ބޮޑުވުމާއި، ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ނަގާ ޓެރިފް މަތިވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!