އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތަކެއް ކުރިއަށްދާން އޮތް ދަނޑިވަޅެއްގައި، "ބޭރުގެ ބިރުދެއްކުންތަކާ" ގުޅިގެން އދ. ގެ ނިއުކްލިއަރ އިންސްޕެކްޓަރުން ޤައުމުން ބޭރުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އޮމާނުގައި ހޮނިހިރު ދުވަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެބްރުއަރީ މަހު "މެކްސިމަމް ޕްރެޝަރ" ކެމްޕޭނެއް އަލުން ތަޢާރަފުކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ދެ ޤައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ބުދަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޤްޗީއާއި އެމެރިކާގެ މެދު އިރުމަތީގެ ސަފީރު ސްޓީވް ވިޓްކޮފްއާ ދެމެދު ބޭއްވޭ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނާ ދެކޮޅަށް ހަނގުރާމަވެރި ޢަމަލުތައް ހިންގުމަކީ "ކަށަވަރުންވެސް" އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިފަދަ ހަނގުރާމަވެރި ޢަމަލުތަކުގައި "އިސްރާއީލު ބޮޑަށް ބައިވެރިވެ، އިސް ދައުރެރެއް އަދާކުރާނެ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ ކަންކަމާ ދެކޮޅަށް ވާހަކަދައްކަމުން އައިސްފައެވެ.
ބުރާސްފަތި ދުވަހު، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ ޢަލީ ޚާމެނީގެ އިސް ލަފާދޭ ބޭފުޅެއް ކަމުގައިވާ ރިއަރ އެޑްމިރަލް ޢަލީ ޝަމްޚާނީ ވިދާޅުވެފައިވަނީ "ބޭރުގެ ބިރުދެއްކުންތަކާއި އީރާނު ހަނގުރާމައިގެ ހާލަތެއްގައި ބޭއްވުމުގެ ސަބަބުން، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީގެ އިންސްޕެކްޓަރުން ބޭރުކޮށްލުމާއި އެޖެންސީއާއެކު އޮންނަ އެއްބާރުލުން ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅަން ޖެހިދާނެ" ކަމަށެވެ. އަދި "ޔުރޭނިއަމް އެންރިޗްކުރުމަށްފަހު އުފައްދާ ތަކެތި ރައްކާތެރި ތަންތަނަށް ބަދަލުކުރުމަކީވެސް ވިސްނާލަންޖެހޭ ކަމެއް" ކަމަށްވެސް އް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!