ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން، ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި އޭނާގެ ކެބިނެޓާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، "ޗައިނާއާ މެދު ވާނެ ގޮތެއް ބަލާނަން. އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރަން." ޓްރަމްޕް ވިދާޅުވިއެވެ.
"އެމީހުން ވަރަށް ދިގު މުއްދަތަކަށް އަޅުގަނޑުމެންގެ ގައުމުގެ ނާޖާއިޒު ފައިދާ ނަގައިފި. އެހެން އެއްވެސް ބަޔަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ކައިރިން ވައްކަންކޮށްފި." އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ބުދަ ދުވަހު ރައީސް ޓްރަމްޕް ވަނީ ޗައިނާގެ މައްޗަށް ކުރިން ކަނޑައަޅާފައިވާ "ރެސިޕްރޮކަލް ޓެރިފް" 84 އިންސައްތައިން 125 އިންސައްތައަށް އިތުރުކުރައްވާފައެވެ. މިއީ މިދެ ގައުމުގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ އިތުރު ފިޔަވަޅެކެވެ. މި އިތުރުކުރެއްވި އަދަދާއެކު، މިއަހަރުގެ ކުރީކޮޅު ފެންޓަނިލްގެ ވިޔަފާރިއާ ގުޅިގެން ކަނޑައެޅުއްވި 20 އިންސައްތައިގެ ޓެރިފް އާއެކު، މިހާރު ޗައިނާގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޖުމްލަ ޓެރިފް ވަނީ 145 އިންސައްތައަށް އަރާފައެވެ.
މި ފިޔަވަޅުތަކާ ގުޅިގެން، ޗައިނާއިން ވަނީ އެމެރިކާގެ ފިލްމުތައް އެގައުމުގައި ދެއްކުމަށް ހުއްދަދޭ އަދަދު އިތުރަށް މަދުކުރުމަށް ނިންމާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ވިދާޅުވީ މިއަށްވުރެ ގޯސް ކަންތައްތައް އިވިފައިވާ ކަމަށެވެ.
ބުދަ ދުވަހު ސްޓޮކް މާކެޓްތައް ވަނީ މައްޗަށް ގޮސްފައެވެ. މިއީ ރައީސް ޓްރަމްޕް ގިނަ ގައުމުތަކަކަށް 10 އިންސައްތައަށްވުރެ މަތީ ޓެރިފްތަކުން 90 ދުވަހުގެ މުއްދަތަކަށް ލުޔެއް ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް ބުރާސްފަތި ދުވަހު މާކެޓްތައް ވަނީ ތިރިއަށް ގޮސްފައެވެ. މިއީ އެމެރިކާއާއި ޗައިނާގެ މެދުގައި ވިޔަފާރީގެ ހަނގުރާމަ އިތުރަށް ގޯސްވެދާނެކަމުގެ ބިރާ ގުޅިގެންނެވެ.
ދުވަހުގެ ފަހު ގަޑިތަކުގައި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާ ގިނައިން ހިމެނޭ ނަސްޑެކް އިންޑެކްސް ވަނީ 3.5 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!