ފައިސާ ޗާޕުކުރާ ވާހަކައަކީ ޚިޔާލީ ފޮލައިގެ ތެރެއިން އެމްޑީޕީން ހިތަށް އަރައިގެން ދައްކާ ވާހަކައެއް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ، ''ޤާނޫނުއަސާސީއާއި، ކަމާގުޅޭ ޤާނޫނުތަކާއި، އަދި 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ޚިލާފަށް ސަރުކާރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުންގެންދާ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރު'' ގެ ބަހުސްގައި ދެއްކެވި ވާހަކާގައެވެ.

Ad
rt

އެ ގަރާރުގެ ދަށުން ހިނގަމުންދާ ބަހުސްގައި އެމްޑީޕީން ދައްކަމުން އަންނަނީ މިނިވަން މުއައްސަސާތަކެއްގައި ގާނޫނެއްގެ ވާހަކަ ކަމަަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ އެމް.އެމް.އޭއަށް އަމުރުކޮށްގެން ލާރި ޗާޕުކުރަން އުޅުއްވާކަމަށް ބުނެ ދައްކާ ވާހަކަތަކެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ.

''މިއީކީ ޚިޔާލީ ފޮލައިގެ ތެރެއިން މި ބޭފުޅުން ހިތަށް އަރައިގެން ދައްކާ ވާހަކައެއް، މި ބޭފުޅުންނަށް، މި ބޭފުޅުންގެ ޤައުމު ހިންގަން ރައްޔިތުން ފަސް އަހަރެއް ގައި ދިންއިރުގައި މި ބޭފުޅުން ދައްކަމުން އައި ވާހަކަތައް، ކިހާ ހިސާބަކަށްތޯ ރިޔާސީ ކެންޑިޑޭޓު އޭރުގައި 2018ގައި އިންތިޚާބުގައި ވާހަކަތައް ދައްކަމުން އައ.ީ އައިއިރުގައި އެގޮތަށް 5 އަހަރެއް ނިމުނުއިރުގައި ކިތައް ގާނޫނު ޕެރަލައިޒްކޮށްފައިތޯ؟ ކިތައް ކަންތައްތޯ ގާނޫނާ ޚިލާފަށް ކުރެވުނީ؟ ކިތައް ކުންފުނިތޯ ދަރުވައިލެވުނީ؟ ކިތައް ކުންފުނިތޯ ބެންކްރަޕްސީއާ ހަމައަށް ދިޔައީ؟ ޤައުމު ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވި އިރު ޤައުމު އޮތީ ލަންކާ އޮތް ހާލަތަށް ދާން'' މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެންނަމަވެސް، އެމްޑީޕީން ނެގި ބޮޑެތި ލޯނުތައް، ބޮޑެތި އިންޓަރެސްޓުގައި ނަގާފައި ހުރި ލޯނުތައް، ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނޭ ރަނގަޅު ހަރުދަނާ ސިޔާސަތުތަކު ގެ ދަށުން ގެންދަވަނީ ދައްކަވާ ޚަލާސް ކުރަށްވަމުން ކަމަށެވެ.

''މި ވެރިކަން ހިނގަމުންދާއިރުގައި މި ބޭފުޅުން އެ ކަމަށް އުފަލެއް ނޫންތޯ ކުރަންވީ؟ އަނެއްކާ މި ހުރިހާ އެއްޗެހިތަކެއް، އެމްއެމް.އޭ ތިޖޫރީއާ އެއްޗެހި ޖީބަށް ޖަހައިގެން ދިޔަ މީހުން އަދިވެސް ގޭގައި ބައިތިއްބައިގެން ޤައުމު ހަމަ މަގަށް އެޅުވޭތޯ ދިވެހިރާއްޖޭގެ މިއަދު ރައީސުލްޖުމްހޫރިއްޔާ، މަސައްކަތްކުރަމުންދާކަމުގެ އަލިގަދަ ހެކި ދުނިޔޭގެ ބޭންކުތަކުން ނަގާފައި ހުރި ލޯނުތަ،އް މިއަދު ވެސް 25 މިލިއަން، މި ދިޔަ މަހު 100 މިލިއަން ޑޮލަރު، މިހެން ހަމަ ދައްކަމުންދައްކަމުން އެ ދަނީ. އަދިވެސް ދެއްކޭނެ ކަމުގެ 100% ގެރެންޓީ މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށާއި އަދި މި ޤައުމުގެ ފިނޭންސް މިނިސްޓަރަށް އޮތީތީވެތާ އަޅުގަނޑުމެންނަށް ހަމަ މިއަދާ ހަމައަށް ލާރި ޗާޕުނުކޮށް މި ކުރިއަށް މި ގެންދެވެނ.ީ'' މުހައްމަދު ވިދާޅުވެފަވެއެވެ.