އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް އިތުރު 50 އިންސައްތައިގެ ޓެރިފެއް ކަނޑައަޅާނެ ކަމަށް އިއުލާނުކޮށްފިއެވެ.

މިއީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް 34 އިންސައްތައިގެ ޓެރިފެއް އަޅާނެ ކަމަށް އިއުލާނުކުރިތާ 48 ގަޑިއިރު ނުވަނީސް އަޅާފައިވާ ފިޔަވަޅެކެވެ.

Ad
rt

ޓްރަމްޕްގެ މި އިއުލާނާ އެކު، މިހާރު އެމެރިކާއިން ޗައިނާގެ މުދަލަށް އަޅާ ޓެރިފް ވަނީ 84 އިންސައްތައަށް އަރާފައެވެ. މީގެ އިތުރުން، ހުރިހާ ގައުމުތަކަކުން އެތެރެކުރާ މުދަލަށް އަޅާ 10 އިންސައްތައިގެ ޓެރިފްވެސް ހިމަނާއިރު، ޗައިނާގެ މުދަލަށް އަޅާ ޖުމްލަ ޓެރިފް ވަނީ 94 އިންސައްތައަށް އަރާފައެވެ.

ޓްރަމްޕް މި އިއުލާނު ކުރެއްވީ އެމެރިކާގެ ގަޑިން މެންދުރުފަހު 11:30 ހާއިރުއެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި، ޗައިނާއަކީ "ޓެރިފް އަނިޔާވެރިއެއް" ކަމަށް ވިދާޅުވެ، އެ ގައުމަށް ކުރިން ދެއްވާފައިވާ "އިންޒާރު" ހަނދާންކޮށްދެއްވިއެވެ.

މި ފިޔަވަޅަކީ އެމެރިކާ-ޗައިނާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ގޯސްވެގެން ދިޔުމުގެ ނިޝާނެއް ކަމަށް ވިޔަފާރީގެ ދާއިރާގެ މާހިރުން ދެކެއެވެ. މި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމަށް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް ބެލެވެއެވެ.