މި ސީޒަންގައި ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބާކީ ހަ މެޗު އޮއްވައި ފްރާންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކަށަވަރު ކޮށްފައިވަނީ، ރޭ އެންޖާސް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދީފައިވަނީ ޒުވާން މިޑްފީލްޑަރ ޑުއޭ އެވެ.
ލީގުގައި ބާކީ އޮތް ހަ މެޗުން ބަލިނުވެ ޕީއެސްޖީ ލީގު ނިންމާލައިފިނަމަ އެ ޓީމު ވެގެންދާނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މެޗަކުން ބަލިނުވެ ލީގު ނިންމާލީ ހަތްވަނަ ޓީމަށެވެ. މީގެ ކުރިން މި ރެކޯޑް ހަދާފައިވާ ކްލަބްތަކަކީ 2024 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ބެޔާ ލެވަކޫސަން އާއި 2012 ވަނަ އަހަރު ސެރިއާގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސް އާއި 2004 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އާސެނަލް އާއި 1992 ވަނަ އަހަރު ސެރިއާގެ ޗެމްޕިއަން އޭސީ މިލާނުގެ އިތުރުން 1979 ގެ ޗެމްޕިއަން ޕެރޫޖިއާ އަދި 1889 ވަނަ އަހަރުގެ ޗެމްޕިއަން ޕްރެސްޓަން ނޯތު އެވެ.
ޕީއެސްޖީން މި ސީޒަނުގައި މިހާތަނަށް ކުޅުނު 28 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، އޭގެ ތެރެއިން 23 މެޗުން ވަނީ މޮޅުވެފައެވެ. އެއްވަރުވެގެން ނިމުނީ 5 މެޗެވެ.
ޕީއެސްޖީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 74 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފައެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 28 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.
މި ސީޒަންގައި އިތުރު ދެ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ޕީއެސްޖީއަށް އަދިވެސް އެބައޮތެވެ. އެއީ ފްރާންސް ކަޕާއޮ ޗެމްޕިއަންސް ލީގެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!