އިންޑިއާގެ ޕަންޖާބުގެ ސިޓީއެއް ކަމުގައިވާ މޯހާލީގެ މޯލެއްގެ 4 ވަނަ ފަންގިފިލާއިން ފުންމާލި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ހޮނިހިރު ދުވަހު ހެނދުނު މޯހާލީގެ މަޝްހޫރު ބެސްޓެކް ސްކުއެއަރ މޯލުގައި ހިނގި މިހާދިސާއާ ގުޅޭގޮތުން ޕޮލިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަބްހިޖީތް ނަމަކަށް ކިޔާ މި ކުއްޖާ ހެނދުނު 9:14 ގައި މޯލުގެ 4 ވަނަ ފަންގިފިލާގައި ހުރި ބިއްލޫރި ރެއިލިންގ ކައިރީގައި ހިނގާފައި އުޅެނިކޮށް ފެންނަ ވީޑިއޯތަކެއް ވަނީ ފެތުރިފައެވެ. އޭނާ ދެ ފަހަރެއްގެ މަތިން ރެއިލިންގ ކައިރިއަށް ގޮސް، އެއް ފަހަރު ހުއްޓި، ދެވަނަ ފަހަރު އެނބުރި ދިޔަ ނަމަވެސް، 9:19 ގައި ރެއިލިންގ ކައިރިއަށް ގޮސް، އެއަށް އަރައި ފުންމައިލިއެވެ.
ޕޮލިހުން ބުނި ގޮތުގައި، ހެނދުނު 9:30 ހާއިރު އެ ސަރަހައްދަށް ޕޮލިސް ޓީމެއް ދިޔުމުން، ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް، އެތައް ގަޑިއިރެއް ފަހުން ހޮސްޕިޓަލުން އަންގާފައިވަނީ އޭނާ މަރުވެފައިވާ ކަމަށެވެ.
އަބްހިޖީތްގެ ބައްޕަ ޕޮލިހަށް މަޢުލޫމާތު ދެއްވި ގޮތުގައި، އޭނާ ވަނީ ޑިޕްރެޝަންގައި އުޅެމުން އައިސްފައެވެ. އަބްހިޖީތަކީ ތިން ކުދިންގެ ތެރެއިން މެދު ކުއްޖާއެވެ.
މޯލުގެ މުވައްޒަފުން ބުނާ ގޮތުގައި، ވަރަށް ހެނދުނު އަބްހިޖީތް މޯލަށް އައިސް ފެންފުޅިއެއް ގަތް ކަމަށް ވެއެވެ. މޯލުގެ ފުޑް ކޯޓާއި މަލްޓިޕްލެކްސް ހުޅުވަނީ ވަރަށް ހެނދުނުއްސުރެ ކަމަށް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޕޮލިހުން ދަނީ އިތުރު ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!