ޣައްޒާގެ ދެކުނުގައި މާރޗް 23 ވަނަ ދުވަހު ފަލަސްތީނު 15 މެޑިކަލް މުވައްޒަފުން ޝަހީދުކޮށްލި މައްސަލައިގައި އިސްރާއީލް ސިފައިން ހަދާފައިވާ ދޮގު ހާމަކޮށްދޭ ވީޑިއޯއެއް ނިއު ޔޯކް ޓައިމްސްއިން ހޮނިހިރު ދުވަހު ޝާއިޢުކޮށްފިއެވެ.

މި މައްސަލައިގައި އިސްރާއީލް ސިފައިން ފުރަތަމަ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، މެޑިކަލް މުވައްޒަފުންގެ ވެހިކަލްތައް "ޝައްކުވާ ގޮތަކަށް" ކުރިއަށް ދިޔަ ކަމަށާއި، ހެޑްލައިޓްތަކާއި އިމަޖެންސީ ސިގްނަލްތައް ނުދައްކާ ކަމަށެވެ. އަދި މި ހަރަކާތް ކުރިން ކޯޑިނޭޓް ނުކުރާ ކަމަށެވެ. މީގެ އިތުރުން، އިސްރާއީލް ސިފައިން ބުނެފައިވަނީ މި ހަމަލާގައި ހަމާސްއާއި އިސްލާމިކް ޖިހާދުގެ 9 މެންބަރުން މަރުވެފައިވާ ކަމަށެވެ.

Ad
rt

ނަމަވެސް، މިހާރު ހާމަވެފައިވާ ވީޑިއޯއިން ދައްކާގޮތުގައި، ހަމަލާ ދެވުނު ވެހިކަލްތަކުގައި ސާފުކޮށް ފާހަގަކުރެވޭ ގޮތަށް އިމަޖެންސީ ލައިޓްތައް ދިއްލާފައި ހުއްޓެވެ. މި ވީޑިއޯ ނަގާފައިވަނީ ހަމަލާގައި ޝަހީދުވި މެޑިކަލް މުވައްޒަފުންގެ ތެރެއިން އެކެކެވެ. އަދި މި ވީޑިއޯ ފެނިފައިވަނީ ޣައްޒާގައި ގަބުރުސްތާނެއްގައި ވަޅުލާފައިވާ 15 މެޑިކަލް މުވައްޒަފުންގެ ތެރެއިންނެވެ.

މި އައު ހެކި ހާމަވުމާ ގުޅިގެން އިސްރާއީލް ސިފައިން އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައިވާ ގޮތުގައި މި ހަމަލާގައި 14 ހަށިގަނޑު ފެނިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ރެޑް ކްރެސެންޓް 8 މުވައްޒަފުންނާއި، ސިވިލް ޑިފެންސް 5 މުވައްޒަފުންނާއި، އދ. ގެ އޭޖެންސީއެއްގެ މުވައްޒަފެކެވެ. މީގެ އިތުރުން، ފަލަސްތީނު ސިވިލް ޑިފެންޑިފެންސްއިން ބުނެފައިވަނީ އެ ފަރާތުގެ އިތުރު މުވައްޒަފެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މިއާއެކު މި ހަމަލާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރާފައިވެއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 50,600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.