އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްޤަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

Ad
rt

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމާބެހޭ ޤާނޫނާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި އިޒްރޭލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މި ޢަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވައި، ގާޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާޢީދު ތަކުރާރުކޮށް، ބަޔާނުގައި ފާހަގަކޮށްފައިވަނީ މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ދެކޭ ކަމަށެވެ.

ރާއްޖެއިން ފަލަސްޠީނުގެ މައްސަލައަށް އަބަދުވެސް ދެމުން އަންނަ ތާއީދު މި ބަޔާނުން އަލުން ތަކުރާރުކޮށްދެއެވެ.