ދެ ހަފްތާގެ މުއްދަތަށް ބެޓްރީ ދެމިހުންނަ ސްމާޓް ވޮޗެއް އެމެރިކާގައި ނެރެފިއެވެ.
އެމޭޒްފިޓް ކުންފުނިން އެންމެ ފަހުން ތައްޔާރުކުރި ސްމާޓް ވޮޗް، އެމޭޒްފިޓް ބިޕް 6 ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި ސްމާޓް ވޮޗްގައި 1.97 އިންޗީގެ އެމޯލެޑް ސްކްރީނެއް ހިމެނޭއިރު، ބްލޫޓޫތު މެދުވެރިކޮށް ފޯނު ކޯލްތައް ކުރެވޭނެއެވެ. މީގެ އިތުރުން ހިތުގެ ވިންދު، ނިދި، ލޭގައި އޮކްސިޖަން ހުރި މިންވަރު އަދި ސްޓްރެސް ފަދަ ސިއްހީ މަޢުލޫމާތުތައް ބެލޭނެއެވެ.
މި ސްމާޓް ވޮޗްގައި ޖީޕީއެސް ޓްރެކިންގ ފީޗަރ ހިމެނޭއިރު، އިންޓަނެޓް ނެތް ހާލަތުގައި ބޭނުންކުރެވޭ ގޮތަށް މެޕްތައް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހިނގުން، ދުވުން، ސައިކަލް ދުއްވުން، އައުޓްޑޯ އަދި ކޮމްބެޓް ސްޕޯޓްސް ފަދަ ކަސްރަތުތަކަށް ޚާއްސަ މޯޑްތައް ވެސް ހިމެނެއެވެ. އާންމު ގޮތެއްގައި ބޭނުންކުރާއިރު މި ސްމާޓް ވޮޗްގެ ބެޓެރީ 14 ދުވަހަށް ދެމިހުންނާނެ ކަމަށް ބުނެފައިވާއިރު، ބެޓެރީ ސޭވިންގ މޯޑްގައި 26 ދުވަހަށް ދެމިހުންނާނެ ކަމަށް ބުނެފައިވެއެވެ.
އެމޭޒްފިޓް ބިޕް 6 ގެ އަގު އެމެރިކާގައި ހަމަޖައްސާފައިވަނީ 79.99 ޑޮލަރަށެވެ. މި ސްމާޓް ވޮޗް އެމެޒޯން އަދި އެމޭޒްފިޓްގެ އޮފިޝަލް ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެއެވެ. ކަޅު، އަޅި، ރަތް އަދި ހުދު ކުލައިގައި މި ސްމާޓް ވޮޗް ލިބެން ހުންނާނެއެވެ.
އެމޭޒްފިޓް ބިޕް 6 ގައި ހިމެނޭ 1.97 އިންޗީގެ ވަށް އެމޯލެޑް ސްކްރީނުގެ އެންމެ މަތީ އަލިކަން 2،000 ނިޓްސްއަށް އަރާއިރު، ޓެމްޕަރޑް ގްލާސް ކަވަރަކާއި އިނގިލީގެ ނިޝާން ނުޖެހޭ ކޯޓިންގއެއް ވެސް ހިމެނެއެވެ. މި ސްމާޓް ވޮޗް ހިންގަނީ އޯޕަން އޭއައި އަށް ބަރޯސާވާ ޒެޕްއޯއެސް 4.5 އިންނެވެ. އަދި ޒެޕް ކޯޗް އަދި ޒެޕް އެޕްއާ ގުޅުވައިގެން ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ޔޫޒަރުންގެ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުވަހަށް ތައްޔާރުވެފައިވާ މިންވަރު ދައްކައިދޭ ސްކޯއަކާއި އިންސައިޓްތައް ވެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!