ޔޫރަޕިއަން ޕާލިމެންޓުގެ ފަންޑުތަކާ ގުޅޭ މަޝްހޫރު ކޮރަޕްޝަން މައްސަލައެއްގައި ފްރާންސްގެ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު މެރިން ލެ ޕެންއަށް، 4 އަހަރުގެ ޖަލު ޙުކުމަކާއި 5 އަހަރަށް ސިޔާސީ މަޤާމެއް ނުފުރޭގޮތަށް ޙުކުމް ކޮށްފިއެވެ.
ފްރާންސްގެ މީޑިއާތަކުން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާގޮތުގައި، ޕެރިސްގެ ކޯޓުން ލެ ޕެންއަށް 100،000 ޔޫރޯ (108،000 ޑޮލަރު) ގެ ޖޫރިމަނާއެއް ކުރުމާއެކު، އޭނާގެ ޕާޓީ ނެޝަނަލް ރެލީއަށް 2 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ. މިއީ މި އެމްބެޒްލްމަންޓް ސްކީމްގައި އެ ޕާޓީގެ ދައުރަށް ކަނޑައެޅުނު އަދަބެވެ.
2027 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީ ސަފުގެ ކެންޑިޑޭޓެއްގެ ގޮތުގައި ބެލެވެމުން އައި ލެ ޕެންއާއެކު އިތުރު 8 ޔޫރަޕިއަން ޕާލިމެންޓް މެންބަރުން (އެމްއީޕީ) ވެސް ކުށްވެރިވެފައިވެއެވެ. މިއީ 3 މިލިއަން ޔޫރޯ (3.27 މިލިއަން ޑޮލަރު) އަށްވުރެ ގިނަ އަދަދެއްގެ އީޔޫގެ ފަންޑު ފްރާންސްގައި ޕާޓީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންކުރި މައްސަލައެކެވެ. މީގެ އިތުރުން 12 ޕާލިމެންޓަރީ އެސިސްޓެންޓުންވެސް ވަގު މުދާ ބަލައިގަތުމުގެ ކުށުން ކުށްވެރިވެފައިވެއެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި މި ސްކީމްގެ ސަބަބުން ޖުމްލަ 4.1 މިލިއަން ޔޫރޯ (4.4 މިލިއަން ޑޮލަރު) ގެ މާލީ ގެއްލުން ވެފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!