އެފްއޭ ކަޕް ކުއާޓާ ފައިނަލުގެ މެޗުތަށް ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއާއި އެސްޓަން ވިލާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ކުއާޓާގައި ސިޓީން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއިން ބޯންމައުތު ބަލިކޮށްފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބޯންމައުތުންނެވެ. އެ ޓީމަށް 21 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ އެވަނިލްސަން އެވެ.
މި ސީޒަންގައި ސިޓީގެ ފޯމްވަރަށް ބޮޑަށް ދަށްވެފައިވާއިރު، ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ އޭނާގެ ކޯޗިން ހަޔާތުގައި 17-2016 ވަނަ އަހަރުގެ ސީޒަނަށްފަހު ތަށްޓެއް ކާމިޔާބު ނުކުރެވި ސީޒަނެއް ނިންމާލަން ޖެހިދާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް ސިޓީން ވަނީ އެ ޓީމުގެ ކުޅުން ދެވަނަ ހާފުގައި ވަރަށް ބޮޑަށް ރަގަޅުކޮށް ނަތީޖާ އަނބުރާލާފައެވެ.
ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 49 ވަނަ މިނެޓުގައި ހާލަންޑް ޖަހައިދިންއިރު، މެޗުން ސިޓީ މޮޅުވި ލަނޑު 63 ވަނަ މިނެޓުގައި ޖަހައިދިނީ މާމޫޝްއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ނިކުންނާނީ ނޮޓިންހަމް ފޮރެސްޓްއެވެ.
އެސްޓަން ވިލާއިން ވަނީ ރޭ ނޯތު އެންޑާގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދައި ސެމީން ޖާގަ ހޯދާފައެވެ.
ޕްރެސްޓަންގެ ދަނޑުގައި ބާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އެސްޓަން ވިލާއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ.
އެސްޓަން ވިލާއިން މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ފަސް މިނިޓު ފަހުން އެސްޓަން ވިލާގެ މޯގަން ރޮޖާރސް އަށް އެންޑްރޫ ހިއުސް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އިން ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
އެސްޓަން ވިލާއިން މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!