ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ބާސާއިން ނަގައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާ މޮޅުވެފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ.
މި އަހަރު ފެށުނު ފަހުން ބާސާއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި އަހަރު މިހާތަނަށް އެ ޓީމް އަދި މެޗަކުން ބަލިވެފައިނުވާއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ވަނީ މޮޅުވެފައެވެ.
ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ބާސާއަށް ވަނީ 29 މެޗުން 66 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި ރެއާލް މެޑްރިޑް އޮތީ 29 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ލަޑިސްލާވް ކްރެޖީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ޖިރޯނާގެ އާނައުޓް ޑަޔުންމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ބާސެލޯނާ އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 16 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މި މެޗުގައި ލެވަންޑޯސްކީ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ލަލީގާގައި 25 ލަނޑު ޖަހާފައެވެ. ލިސްޓްގެ ކުރީގައި ލެވަންޑޯސްކީ އޮތްއިރު 22 ލަނޑު ޖަހައިގެން ލިސްޓްގެ ދެވަނާގައި އޮތީ އެމްބާޕޭއެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފެރާން ޓޮރޭޒްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!