އޮރަކަލްގެ ސައިބަރ ހަމަލާއާ ގުޅިގެން އެފްބީއައި އިން ތަޙުޤީޤު ފަށައިފިއެވެ.

ބްލޫމްބާގް ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ބޮޑެތި ސޮފްޓްވެއަރ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އޮރަކަލްއަށް އަމާޒުކޮށް ދީފައިވާ ސައިބަރ ހަމަލާއާ ގުޅިގެން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަޙުޤީޤެއް ފަށައިފިއެވެ.

Ad
rt

މި މައްސަލައާ ގުޅޭ މަޢުލޫމާތު ދިން ފަރާތަކާ ހަވާލާ ދެމުން ބްލޫމްބާގް ނިއުސްއިން ބުނެފައިވަނީ، މި ހަމަލާގައި ބައެއް ހެލްތްކެއަރ ޕްރޮވައިޑަރުންގެ ބަލިމީހުންގެ މަޢުލޫމާތު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި ހަމަލާގެ މަޤްޞަދަކީ އެމެރިކާގެ ގިނަ މެޑިކަލް ޕްރޮވައިޑަރުންގެ އަތުން ފައިސާ އަތުލުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮރަކަލްއިން މި މަހުގެ ކުރީކޮޅު ބައެއް ހެލްތްކެއަރ ކަސްޓަމަރުންނަށް އަންގާފައިވާ ގޮތުގައި، 22 ޖެނުއަރީ ފަހުން ހެކަރުން އެ ކުންފުނީގެ ސާވަރުތަކަށް ވަދެ، ބަލިމީހުންގެ މަޢުލޫމާތު ބޭރު ތަނަކަށް ކޮޕީކޮށްފައިވެއެވެ. ނަމަވެސް، ކިތައް ބަލިމީހުންގެ މަޢުލޫމާތު ވަގަށް ނެގުނުކަމެއް އަދި ކޮން ހެލްތްކެއަރ ޕްރޮވައިޑަރުތަކެއް އަމާޒުކުރެވުނުކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އޮރަކަލްއިން 2022 ވަނަ އަހަރު އެމެރިކާގެ ހެލްތްކެއަރ އައިޓީ ކުންފުންޏެއް ކަމަށްވާ ސާނަރ ކޯޕަރޭޝަން 28 ބިލިއަން ޑޮލަރަށް ގަތުމާ ގުޅިގެން، އެ ކުންފުނީގެ އިލެކްޓްރޯނިކް ހެލްތް ރެކޯޑު ދާއިރާގެ ޙަރަކާތްތައް އިތުރުވެ، ކްލައުޑް ޕްލެޓްފޯމުގައި ހެލްތްކެއަރ ކަސްޓަމަރުންގެ އަދަދު އިތުރުވެފައިވެއެވެ.

އޮރަކަލްއިން ކަސްޓަމަރުންނަށް އަންގާފައިވާ ގޮތުގައި، ހެކަރުން ވަދެފައިވަނީ ސާނަރގެ ކުރީގެ ސާވަރުތަކަށެވެ. އަދި އޮރަކަލްގެ ކްލައުޑް ސްޓޯރޭޖް ސަރވިސްއަށް އަދި ބަދަލުކޮށްފައިނުވާ ޑޭޓާ ވަގަށް ނަގާފައިވާ ކަމަށް ބުނެފައިވެއެވެ. އޮރަކަލްއަށް މި ހެކިންގގެ މައްސަލަ އެނގުނީ 20 ފެބްރުއަރީ ހިސާބުގައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އެފްބީއައި އިން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ. އަދި އޮރަކަލްއިން ވެސް މި މައްސަލައާ ގުޅޭގޮތުން އަދި އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.