ޗައިނާއިން ސައުތު ޗައިނާ ކަނޑުގައި އަސްކަރީ މަޝްޤުތަކެއް ހިންގައިފިއެވެ.
ޗައިނާގެ އަސްކަރިއްޔާއިން މިތަމްރީނުތައް ހިންގައިފައިވާއިރު، ފިލިޕީންސްއަށް އިންޒާރުދީ، "ޗައިނާ ރުޅިއެރުވުމުގެ" ޢަމަލުތަކުން ދުރުހެލިވުމަށް ވަނީ ގޮވާލައިފައެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ސަދަން ތިއޭޓަރ ކޮމާންޑްގެ ޓިއަން ޖުންލީ ވިދާޅުވި ގޮތުގައި މި ތަމްރީނު ދަތުރުތައް ކުރިއަށް ގެންދިޔައީ ހުކުރު ދުވަހުއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދިޔައީ ފިލިޕީންސްއިން ސަރަޙައްދުން ބޭރުގެ ޤައުމުތަކާއެކު "ޖޮއިންޓް ޕެޓްރޯލް" ތަކުގައި ބައިވެރިކުރުވަން މަސައްކަތް ކުރަމުންދާތީއާއި، ސައުތު ޗައިނާ ކަނޑުގައި ޤާނޫނާ ޚިލާފު ދަޢުވާތައް ކުރިއަށް ގެންދާތީއެވެ.
"އަޅުގަނޑުމެން ފިލިޕީންސްއަށް އިންޒާރު ދެނީ ސައުތު ޗައިނާ ކަނޑުގައި ހަމަނުޖެހުން އުފެދޭފަދަ ޢަމަލުތަކާއި، ޗައިނާ ރުޅިއެރުވުމުގެ ޢަމަލުތަކުން ދުރުހެލިވުމަށް،" ޓިއަން ޖުންލީ ވިދާޅުވިއެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެމެރިކާގެ ޑިފެންސް ޗީފް ޕީޓް ހެގްސެތު، "ކޮމިއުނިސްޓް ޗައިނާ" އިން ކުރިމަތިވާ ބިރުވެރިކަމާ ދެކޮޅަށް މެނީލާއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަޢުދުވި ދުވަހުގެ ފަހު ދުވަހުއެވެ.
މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، މި ސަރަޙައްދުގައި ހިނގާ ކަންކަމަކީ އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އަސަރުކުރާނެ ކަންކަން ކަމަށް ސަރުކާރުގެ އިސް ވެރިން ކުރިން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!