އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި ހުރި ރިހެބިލިޓޭޝަން އިމާރާތްތަކެއް ވެސް ވައްޓާލާފައެވެ.

މަންޒަރުދުށް މީހުން ބުނާގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގޭގެއަށާއި، އާންމުން އެއްވެފައިވާ ތަންތަނަށާއި، އަދި ހިޖުރަކޮށްފައިވާ ޢާއިލާތައް ދިރިއުޅެމުންދާ ޓެންޓުތަކަށެވެ.

Ad
rt

މީގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕްގެ ހުޅަނގުގައިވާ އަލް-ފަޚޫރާ ސަރަހައްދުގައި ހުރި ހިޖުރަކުރި މީހުންގެ ޓެންޓަކަށް ހަމަލާދީ 3 މީހުން ޝަހީދުކޮށްލާފައެވެ. މިކަން ހާމަކޮށްފައިވަނީ މެޑިކަލް ވަސީލަތްތަކުންނެވެ.

މި ހަމަލާތަކުގެ އިތުރުންވެސް އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާގައި ހުރި ޢާއިލާއެއްގެ ގެއަކަށް ހަމަލާދީފައެވެ. މި ހަމަލާގައި ފަލަސްތީނުގެ ދެ ރައްޔިތަކަށް، ހަމަލާދީ ޒަޚަމް ކޮށްލައިފައި ވެއެވެ. އޭގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކުވެސް ޒަޚަމްވެފައިވެއެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލު ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.