ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ނަގައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 3-0 ގެ ނަތީޖާއިން އޮސަސޫނާގެ މައްޗަށް ކުރި ހޯދާފައެވެ.

މި މެޗު ކުޅެން ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހުގެ މެޗު ފަށަން ކައިރިވެފައި ވަނިކޮށް ބާސާ ޓީމްގެ ޑޮކްޓަރ މަރުވުމާއި ގުޅިގެން މެޗު ލަސްކުރީއެވެ.

Ad
rt

ރޭ މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުޖަހާފައެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ބަލްޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފެރާން ޓޯރޭސްއެވެ. މެޗުގައި ބާސާއިން ޖެހި ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އޮލްމޯއެވެ. މި ޕެނަލްޓީ ބާސާއަށް ލިބިފައިވަނީ އޭރިއާ ތެރެއިން އޮސަސޫނާގެ ކީޕަރު އޮލްމޯއަށް ފައުލް ކުރުމާއި ގުޅިގެންނެވެ. ފުރަތަމަ އޮލްމޯ ފޮނުވާލި ޕެނަލްޓީ ކީޕަރު މަތަކުރި ނަމަވެސް ޕެނަލްޓީ ފޮނުވާލުމުގެ ކުރިން އޮސަސޫނާގެ ކުޅުންތެރިއަކު އޭރިއާއަށް ވަނުމުން ޕެނަލްޓީ ދެވަނަ ފަހަރަށް ޖެހުވިއެވެ. އެ ފުރުސަތުގައި އޮލްމީ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.

ރޭ މެޗުގައި ބާސާއަށް ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ 77 ވަނަ މިނެޓުގައި ފާމިލް ލޮޕޭޒްގެ އެހީތެރިކަމާއިއެކުއެވެ.

މި މޮޅާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 28 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ރެއާލް އޮތީ 28 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 28 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. މެޗުން ބަލިވި އޮސަސޫނާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ.