ކެއުމަށް އޯޑަރު ދިނުމަށްފަހު ބުއިމަކަށް ތި އޯޑަރުކުރީ ކޯކަކަށެވެ. ނުވަތަ ކޮންމެވެސް އެހެން ބާވަތެއްގެ ސޮފްޓް ޑްރިންކެކެވެ. ކޯކު ކަހަލަ މިފަދަ ލުއި ބުއިންތަކުން ލިބޭ ގެއްލުން ވިސްނާލިން ހެއްޔެވެ؟ ވިސްނައިނުލެވެނީ އެ ގެއްލުން ނޭނގޭތީ ހެއްޔެވެ؟

ކޮންމެ ދުވަހެއްގެ ކެއުމާއި އެކު ސޮފްޓް ޑްރިންކް ބޭނުންކުރާ ބިލިއަނެއްހާ މީހުން އުޅެއެވެ. ނަމަވެސް އަކީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހެއްގެ ކެއުމާއިއެކު ބޭނުން ކުރާވަރަށް ވުރެއް ހަށިގަނޑަށް ގެއްލުން ހުރި ބުއިމެއް އޭގެ ތެރެއިން ޤަބޫލު ކުރަނީ ކިތައް މީހުންހެއްޔެވެ؟

Ad
rt

މިފަދަ ސޮފްޓް ޑްރިންކް ތަކުން ލިބޭ ގެއްލުމުގެ އަންދާޒާ ބަލާލުމަށް އެންމެ މަޝްޙޫރު ކޯކު ބަލާލަމާ ހިނގާށެވެ. ހަށިގަނޑަށް އެތައް ގެއްލުމެއް ލިބޭ ހަކުރުގެ ބާވަތެއްކަމުގައިވާ ފްރުކްޓޯޒް ކޯން ސިރަޕް ކުޑަ ކޯލާ ދަޅެއްގައި، ގިނަ ޢަދަދަކަށް އެކުލެވިގެން ވާއިރު ، ބިއްލޫރި ތައްޓެއްގެ ތިންބައިކުޅަ އެއްބައި ހުންނަހާ ހަކުރު އެންމެ ކޯކު ދަޅެއް ބުއިމުން ބޭނުން ކުރެވެއެވެ. ކޮކާކޯލާ ވިއްކުމަށް ކުރެވެމުންދާ އިސްތިހާރަކީ ދުނިޔޭގަ މިހާތަނަށް އެންމެ މޮޅަށް އިސްތިހާރު ކުރެވެމުން އަންނަ ބުއިން ކަމުގައި އެކަން ދިރާސާކުރާ މީހުން ފާހަގަކުރެއެވެ.

ކޮކާކޯލާ އަކީ އިންސާނުން އެ ބުއިން ބޭނުން ކުރުމުން ހަށިގަނޑަށް އެއްވެސް ފައިދާ އެއް ނުލިބި، ގިނަ ގެއްލުންތަކަކާއި ކުރިމަތި ކުރުވާ ބުއިމެއް ކަމުގައިވިޔަސް، ކޮކާކޯލާ ތައްޔާރު ކޯށްފައި ހުނަނީ ކޯކް ބުއިމުން އަބަދުވެސް ކޯކް ބޯން ހިތްޖައްސާފަދަ ގޮތަކަށް ކަމަށް ވަނީ އެފަދަ ފަރާތައް ބުނެއެވެ.

ނޫސްވެރިޔާ ޖެރެމީ ޕެކްސްމަން ކޮކޯކޯލާ ކުންފުނީގެ ސީއީއޯ ޖޭމްސް ކުއިންސީ އާ އިންޓަރވިއު ކޮށް ޖޭމްސް ކުއިންސީއަށް ޖަވާބު ދާރީ ވާން އުނދަދޫވެގެން ދިޔަ އެތައް ސުވާލެއް ވަނީ ކުރިމަތި ވެފައެވެ. ސަބަބަކީ ކޮކާ ކޯލާއިން ހަށިގަނޑަށް ފައިދާއެއް ނުކުރުވާއިރު ގިނައީ ލިއްބައިދޭ ގެއްލުން ކަމަށް ވާތީއެވެ.

ބައެއް ސައިންސް ވެރިން ފާގަ ކުރާ ގޮތުގައި ހަކުރަކީ ޑްރަގެކެވެ. އެމެރިކާގެ ހޯދުން ތަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މީހުން ބޭނުން ކުރަން ޖެހެނީ 25 ގްރާމްގެ ހަކުރެވެ. މީގެ ދެގުނަ ހަކުރު ކޮކާ ކޯލާ ދަޅެއްގައި ހިމެނެއެވެ. އެންމެ ފަހުގެ ރިސަރޗް ތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވުރެން ހަކުރަށް އިންސާނުން އެޑިކްޓުވާ މިންވަރު ބޮޑުވެފައި އަވަހެވެ.

ހަކުރުގެ ސަބަބުން ހަށިގަނޑު ފަލަވުމާއި، ހަކުރު ބައްޔަށް ހުށައެޅުންފަދަ ބޮޑެތި އެތައް ގެއްލުމަކާ ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ހަށިގަނޑުގެ ހަކަތަ ދައްކޮށްލައި ވިސްނުމާއި، ހަނދާނަށް ބަދަލު ގެނުވާ މަސައްކަތުގެ މާހައުލުގައި ދަތިތަކާ ކުރިމަތި ކުރުވައެވެ.

ކޮކޯ ކޯލާގެ ކުޑަ ތަށްޓެއްގައި 23 ޕެކެޓް ހަކުރު އެކުލެވިގެން ވާއިރު އެއީ ގާތް ގަނޑަކަށް 70 ގްރާމް ހަކުރެވެ. އަދި ކޯކު ބޮޑު ތައްޓެއްގައި 44 ޕެކެޓް ހަކުރު އެކުލެވިގެން ވާއިރު އެއީ 140 ގްރާމް ހަކުރެވެ. މިގޮތަށް ބޭނުން ކޮށްލެވޭ ކޮކާކޯލާ އެންމެ ތައްޓަކުން އިންސާނެއްގެ ހަށިގަނޑަށް ހަފްތާއަކަށް ބޭނުން ކުރަން ކަނޑައަޅާފައިވާ ހަކުރުގެ މިންވަރު، ފިލްމެއް ބަލާލާހާ ހިންދުކޮޅެއްތެރޭގައި ބޭނުންކޮށްލެވެއެވެ.

ދަޅުގެ ބޭރުގައި ޑައެޓް ކޯކް ޖަހާފައި ވިއްކި ކަމުގައި ވިޔަސް ކޮކާކޯލާގެ ރަހަ ގެނައުމުގެ މަޤްސަދުގައި ގިނަ ޢަދަދެއްގެ އާޓިފިޝަލް ހަކުރު ޑައެޓް ކޯކްގައި ބޭނުން ކޮށްފައިހުރެއެވެ. އެހެން ކަމުން އާދައިގެ ކޯކަށް ވުރެއްވެސް ޑައެޓް ކޯކުން ލިބޭ ގެއްލުން ބޮޑެވެ.
އިންސާނާގެ ހަށިގަނޑު އުފެދިފައި ވާ ގޮތުން ހަޖަމު ކުރުމާ ހަށިގަނޑު ގެއެހެނިހެން ނިޒާމްތައް ރަނގަޅަށް މަސައްކަތް ކުރުމަށް ގޮހޮރުގައި ފައިދާހުރި އެތައް ބެކްޓީރިއާއެއް އެކުލެވިގެންވެއެވެ. ނަމަވެސް އާޓިފިޝަލް ހަކުރުގެ ސަބަބުން އެ ބެކްޓީރިއާ ނެތިކޮށްލައެވެ.

ޖެރެމީ ޕެކްސްމަން ހަށިގަނޑު ފަލަވެގެންދާ ބަލިކަމުގައިވާ އޮބޭސިޓީއަށް ކޯކުން މަގުފަހު ކުރުވާ ކަމަށް ޤަބޫލު ކުރައްވަންތޯ، ބުނެ ކޮކާކޯލާ ކުންފުނީގެ ސީއީއޯ އަށް ސުވާލު ކުރެއްވުމުން ޖަވާބުގައި ޖޭމްސް ކުއިންސީ ވަނީ ބްރިޓިޝް ޑައިޓް ގެ ބައިވެރިއަކަށް ވާއިރު ކޮކާކޯލާ ގައި ކެލަރީ ހުންނަޖެހޭ ކަމަށް ވިދާޅުވެމިކަމަށް އެއްބަސްވެފައެވެ.

މިދަފަ ތައްޔާރީ ބުއިންތަކާއި ކާނާ ތައްޔާރު ކުރާ ކުންފުނިތަކުން މިތަކެއްތި ބޭނުން ކުރާ ފަރާތްތަކަށް ދައްކަން ބޭނުން ނުވާ އަނދިރިފަރާތެއް ވެއެވެ. އެކުންފުނި ތަކުން ދެކޭ ގޮތުގައި ގިނަ ޢަދަދަކަށް އާޓިފިޝަލް ހަކުރު އެކުލެވިގެންވާ ތައްޔާރީ ބުއިންތައް ނުވަތަ ކާނާ ބޭނުން ކުރުމަށްފަހު ކަސްރަތު ކުރުމުން ހަށިގަނޑަށް އިތުރުވާ ކެލެރީ ނައްތާލައެވެ. ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. މިފަދަ ކުންފުނިތަކުން ގެއްލުން ހުރި ބުއިމާ ކާނާ ވިއްކުމުގެ ބޭނުމުގައި ތަފާޓު ސިއްޚީ އެކި އިވެންޓު ތައް ސްޕޮންސަރކޮށް އެ ފަދަ ބުއިންތަކުންލިބޭ ގެއްލުންތައް ފޮރުވަން މަސައްކަތް ކުރެއެވެ. ފަހުގެ ރިސަރޗް ތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ބައްޓަމުގެ ނުވަދިހަ އިން ސައްތަ އުފެދެނީ ކަސްރަތަކުން ނޫނެވެ. ބޭނުންކުރެވޭ ކާނާ އަދި ބުއިންތަކުންނެވެ.

ކޮކާކޯލާ ކުންފުނީގެ ސީއީއޯވަނީ އެމީހުން އިސްތިހާރު ކުރުމުގައި ކޯކުގައި ހަކުރު އެކުލެވޭ މިންވަރު ސިއްރުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަން ދޮގުކޮށް ރިޕޯރޓްގައި ބުނެފައިވަނީ ކޮކާކޯލާ އިސްތިހާރުތައް ތައްޔާރު ކޮށްފައިވަނީ އިންސާނުން ކޯލާ ބޯންހިތްޖައްސައި މީހުންގެ އިހްސާށް ތަކާ ކުޅެލާ ކޯކު ނުބޮއި ނުހުރެވޭ ކަހަލަ ގޮތަކަށެވެ.

1980 ގެ އަހަރުތަކުގައި ކޮކާކޯލާ ކުންފުނީގެ އޭރުގެ ސީއީއޯ ރޮބާޓޯ ގޮއިޒުއޭޓާރވަނީ އެމީހުންގެ ވާދަވެރިއަކީ ޕެޕްސީ ފަދަ އެހެން ބުއިންތައް ނޫންކަމަށާއި، އެމީހުން ވާދަ މިކުރަނީ ފެނަށް ކަމުގައި ބުނެފައެވެ.

ވަގުތު ފާއިތު ނުވަނީސް ކޮކާކޯލާ ފަދަ ބުއިންތަކުން ލިބޭ ގެއްލުން ކިޔައިދީ، ވިސްނައިދީ ގާތް މީހުންނަށް ފޯރު ކޮށްދިނުމަށް އިންސާނިއްޔަތަށް މަސަތްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

މިފަދަ ބާވަތްތަކުގެ ނުރައްކާ ބޮޑުކަމުން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ސޮފްޓް ޑުރިންކް ވިއްކުމާއި އެތެެކުރުމަކީ މަނާކަމެކެވެ. މިކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ސިއްޙީ ޚިދުމަތްތެރިންދަނީ ވަކާލާތު ކުރަމުންނެވެ.