ރަޝިއާއިން ޔޫކްރެއިނަށް އެއްރޭމަތިން 117 ޑްރޯން ހަމަލާދީފިކަމަށް ޔޫކްރެއިނުން ބުނެފިއެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިއާއިން ރޭ ދަންވަރު 117 ޑްރޯން ފޮުވާލައި، ޔުކްރެއިންގެ އެކި ސަރަޙައްދުތަކަށް ހަމަލާދީ، އާންމު ރައްޔިތުންގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
"ރަޝިއާއިން މި ހަނގުރާމަ ދިގުދަންމަމުންދާކަމުގެ 117 ހެކި ރޭ ޔޫކްރެއިންގެ މަތިން އުޑުން ފެނުނު. އޭގެ ތެރެއިން ގިނައީ ޝަހީދު ޑްރޯންތައް،" ޒެލެންސްކީ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯންތައް ޔުކްރެއިންގެ އެއަރ ޑިފެންސްއިން ވަނީ ހުއްޓުވާލެވިފައިކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވިގޮތުގައި މި ހަމަލާތައް އަމާޒުވެފައިވަނީ ޑްނިޕްރޯ، ސުމީ، ޗެރްކަސީ، ޑޮނެޓްސްކް، ކާރްކިވް އަދި ޒަޕޮރިޒިއާ ސަރަޙައްދުތަކަށެވެ. އަދި ކްރިވީ ރިހްގައި ބޮޑު ޑްރޯން ހަމަލާއެއް ދީ، އެތަނުގެ ވިޔަފާރިއަކަށާއި އާންމު ރައްޔިތުންގެ ވަސީލަތްތަކަށް ގެއްލުން ދީފައިވެއެވެ.
ސުމީ ސަރަޙައްދުގެ އޮކްތިރްކާގައި ގެތަކަށާއި ފިހާރަތަކަށް ހަމަލާ ދީފައިވާކަމަށްވެސް ރިޕޯޓުތަކުގައި ބުނެއެވެ.
ޔުކްރެއިންގެ ރައީސް ގޮވާލައްވާފައިވަނީ ރަޝިއާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށެވެ. "ރަޝިއާގެ ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ ފަރާތުން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ. އެމެރިކާއިން އިތުރު ފިޔަވަޅުތަކާއި ދަތިކުރުންތައް ގެންނަންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރަޝިއާއިން މިފަދަ ހަމަލާތައް ދެމުންދިއުމުން އެޤައުމުގެ ސުލްޙަވެރިކަމުގެ ނިޔަތެއް ނެތްކަން ދޭހަވާކަމަށް ޒެލެންސްކީ ވިދާޅުވެފައިވެއެވެ.
މާރިޗު 11 ގައި އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، "ކޮންމެ ރެއެއްގައިވެސް، ރަޝިއާއިން ހަމަލާތައް ދެމުންދަނީ އަހަރެމެންގެ ބައިނަލްއަޤްވާމީ ބައިވެރިންގެ ސުލްޙައިގެ ހުށަހެޅުމަށް 'ނޫނެކޭ' ބުނަމުން،" މިހެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!