އެމެރިކާގެ ބޮޑެތި ބޮންއަޅާ މަތިންދާބޯޓްތަކެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އޮންނަ ޑިއެގޯ ގާސިއާއަށް ދަތުރުކުރަމުންދާކަމަށް މީޑިއާތަކުން ބުނެފިއެވެ.

މިކަން ހާމަވެފައިވަނީ ސެޓެލައިޓް ފޮޓޯތަކުން ކަމަށްވާއިރު، މި މަންޒަރުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މަދުވެގެން ސީ-17 ކާގޯގެ ތިން މަތިންދާބޯޓާއި 10 އެއަރިއަލް ރިފިއުލިންގ ޓޭންކަރު އެ ސަރަޙައްދަށް ފޮނުވާފައިވެއެވެ.

Ad
rt

ޑިއެގޯ ގާސިއާއަކީ އިނގިރޭސީން ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. އަދި މެދުއިރުމަތީގައި އެމެރިކާއިން ދޭ ހަމަލާތަކުގައި ވަރަށްގިނަ ފަހަރު އެތަން ބޭނުންކުރެއެވެ.

މި ސަރަޙައްދަށް އަސްކަރީ މިފަދަ ބޮޑު ބާރެއް ފޮނުވާފައިވަނީ އެމެރިކާއިން ޙޫތީންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ޔަމަނުގެ ހަނގުރާމަވެރިންނަށް އީރާނުން ދޭ އެހީތެރިކަމާއި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާ ގުޅޭގޮތުން ޓްރަމްޕް ސަރުކާރުން ދޭ އިންޒާރުތައް އިތުރުވަމުންދާ ވަގުތެއްގައި ވެސް މެއެވެ.

އެމެރިކާގެ ބީ-2 ސްޕިރިޓް ސްޓެލްތް ބޮންއަޅާ ބޯޓްތަކަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްވެސް ރާޑާރަކުން ނުފެންނަ ބޯޓްތަކެކެވެ. މި ބޯޓްތައް ފުރަތަމަ ބޭނުންކުރަން ފެށީ 1997 ވަނަ އަހަރުއެވެ. އަދި މިއީ ދުނިޔޭގެ އެންމެ އަގުބޮޑު އަސްކަރީ މަތިންދާބޯޓެވެ.

ޑިއެގޯ ގާސިއާއަކީ އިންޑިއާ ކަނޑުގެ ދެކުނުގައި އޮންނަ ކުޑަ ޖަޒީރާއެކެވެ. ނަމަވެސް މިއީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ވަރަށް މުހިންމު ތަނެކެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ސަރަޙައްދުގައި ހިންގާ އޮޕަރޭޝަންތަކުގައި މި ޖަޒީރާ ބޭނުންކުރެއެވެ. މިފަދަ ބޮޑެތި އަސްކަރީ ބާރުތަކެއް މި ސަރަޙައްދަށް ފޮނުވުމަކީ އާދަޔާ ޚިލާފު ކަމެކެވެ. އަދި މިކަމުން ދޭހަވަނީ އެމެރިކާއިން މި ސަރަޙައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގަން ގަސްދުކުރާކަމެވެ.