އީޔޫއިން ކޮށްފައިވާ ބޮޑު ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ބާރު ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަނުން އެކުލަވާލާފައިވާ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އާ އެއްގޮތްވާ ގޮތުގެ މަތިން އެޕަލްއިން އައިފޯނުގެ ބްރައުޒަރ އޮޕްޝަންތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ގެނެވުނީ ކޮން ބަދަލެއްކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ބަދަލުތަކާއެކު، އެޕަލްއަށް ކުރިމަތިވެފައިވާ ޖޫރިމަނާއިންނާއި އަދި ޔޫރަޕިއަން ޔޫނިއަންގެ އަމުރަކުން ސަލާމަތްވާނެ ކަމަށް ބެލެވެއެވެ.
ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޔޫރަޕިއަން ކޮމިޝަނުން މިދިޔަ އަހަރުގެ މާރިޗު މަހު ފެށި ތަޙުޤީޤު އަންނަ ހަފްތާގެ ކުރީކޮޅު ނިންމާލާނެ ކަމަށް ބެލެވެއެވެ. އެޕަލްގެ އައިފޯނުތަކުގައި ބްރައުޒަރ ސްކްރީން ފަރުމާކޮށްފައިވާ ގޮތުން، ބޭނުންކުރާ ފަރާތްތަކަށް އެހެން ބްރައުޒަރަކަށް ނުވަތަ ސާރޗް އިންޖީނަކަށް ބަދަލުވުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބުނެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންކަމުން އެޕަލް އިން މި ގެނައި ބަދަލަކީ އީޔޫއިން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައަށް ގެނައި ހައްލެއް ކަމަށްވެސް ބެލެވެއެވެ.
ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ)ގެ ދަށުން، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ކުރަންވީ އަދި ނުކުރަންވީ ކަންތައްތަކުގެ ލިސްޓެއް ވަނީ އެކުލަވާލާފައެވެ. މީގެ މަޤްޞަދަކީ އެކި އޮންލައިން ޚިދުމަތްތަކުގެ ދެމެދުގައި ފަސޭހައިން ބަދަލުވުމަށް މަގުފަހިކޮށްދިނުމާއި، ކުދި ވާދަވެރި ކުންފުނިތަކަށް ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މި ޤާނޫނާ ޚިލާފުވާ ކުންފުނިތަކަށް އެ ކުންފުންޏެއްގެ އަހަރީ ވިޔަފާރީގެ 10 އިންސައްތައާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.
ތަޙުޤީޤު ނިންމާލުމާއެކު، އެޕަލް އަދި މެޓާ ޕްލެޓްފޯމްސްއަށް ޑީއެމްއޭއާ ޚިލާފުވި ކަމަށް ބުނެ ޖޫރިމަނާ ކުރުމާއި، އެ ޤާނޫނަށް ޢަމަލުކުރުމަށް އަމުރު ކުރާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!