ޣައްޒާއަށް ދެމުންދާ ހަމަލާތައް އިސްރާއީލުން އިތުރުކޮށްފައިވަނިކޮށް ޔަމަނުގެ ހޫތީ ގްރޫޕުން އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް ދީފިކަމަށް ބުނެފިއެވެ.

އަންގާރަ ދުވަހު ހޫތީ ގްރޫޕުން ބުނި ގޮތުގައި އިސްރާއީލްގެ މެދުތެރޭގައި އޮންނަ ބެން ގޫރިއަން އެއަރޕޯޓަށް އަމާޒުކޮށް ދެ މިސައިލް ވަނީ ފޮނުވާލައިފައެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މި ގްރޫޕުން ދިން ފަސްވަނަ ހަމަލާއެވެ. މި ހަމަލާގައި ފޮނުވާލި މިސައިލްތަކަކީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތަކެއް ކަމަށް ހޫތީ ގްރޫޕުން ބުނެފައިވެއެވެ.

Ad
rt

މި ހަމަލާއާ ގުޅޭގޮތުން އިސްރާއީލުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލްގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ހޯމަ ދުވަހުގެ ރޭ ޔަމަނުން ދޫކޮށްލި މިސައިލެއް އިސްރާއީލްގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން އެ މިސައިލް ހުއްޓުވާލެވުނު ކަމަށެވެ.

އިސްރާއީލްގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މި މިސައިލް ވަނީ އިސްރާއީލްގެ ވައިގެ ސަރަޙައްދުގެ ތެރޭގައި ހުއްޓުވާލެވިފައި ކަމަށާއި، މިސައިލް ހުއްޓުވުމަށް ބޭނުންކުރި އިންޓަރސެޕްޓަރ މިސައިލްގެ ބައިތައް އިސްރާއީލްގެ ސަރަޙައްދުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން، ހޫތީ ގްރޫޕުން ބުނެފައިވަނީ ރަތް ކަނޑުގައި އުޅޭ އެމެރިކާގެ ހަނގުރާމަ ބޯޓުތަކަށްވެސް އެ ގްރޫޕުގެ ބާރުތަކުން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

2023 ގެ ފަހުކޮޅުން ފެށިގެން ހޫތީ ގްރޫޕުން ވަނީ ރަތް ކަނޑާއި އަރަބި ކަނޑު އަދި ބާބުލް މަންދަބު ހަނިކަނޑާއި އަދަން ކަނޑުން ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް މިސައިލް އަދި ޑްރޯން ހަމަލާ ދެމުން ގޮސްފައެވެ. މިއީ އެ ގްރޫޕުން ތިބީ ޣައްޒާގެ ރައްޔިތުންނާ އެކުގައި ކަމަށް ބުނެ ކުރަމުންދާ ކަމެކެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ޖެނުއަރީ މަހު ހަމަސް އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެން ހޫތީ ގްރޫޕުން މި ހަމަލާތައް ހުއްޓާލާފައިވީ ނަމަވެސް، މާރިޗު 2 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމުން އަނެއްކާވެސް ވަނީ ހަމަލާތައް ފަށާފައެވެ.