އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ދިވެހިރާއްޖެ، ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ. ފިލިޕީންސްގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވެފައިވަނީ 4-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފިލިޕީންސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަނީ ގޭމް ކޮންޓްރޯލް ކޮށްފައެވެ. ފިލިޕީންސްގެ ފުރަތަމަ ލަނޑު ހަވަނަ މިނިޓުގައި ޖަހައިދިނީ ޖެފަސަން ޓަބީނާސްއެވެ. އަދި 19 ވަނަ މިނިޓުގައި ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ބިޔާން މާޓިން ކްރިސްޓެންސެންއެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެ ޓީމުން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނިޓުގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފައެވެ. ހުސެއިން ސިފާއު (ކުރޯ) ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ފިލިޕީންސް އިން އަނެއްކާ ވެސް މެޗުގެ ކޮންޓްރޯލް އަތުލައި ރާއްޖޭގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނިޓުގައި ފިލިޕީންސް ވަނީ ތިންވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު ޖަހައިދިނީ މި މެޗުގައި އެޓީމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރި މިޑްފީލްޑަރު ރޭންޑީ ޝްނެއިޑާއެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ފިލިޕީންސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖަރުމަން ލީގުގައި ކުޅޭ 21 އަހަރުގެ މިޑްފީލްޑަރު ސަންޑްރޯ ރެޔޭސްއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ޖޫން މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އޮކްޓޫބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ވެސް ކުޅޭނީ ރަށުން ބޭރުގައެވެ. އެއަށް ފަހު ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ނޮވެމްބަރު މަހު ފިލިޕީންސާ ދެކޮޅަށް ވެސް ގަލޮޅު ދަނޑުގައި ކުޅޭނެއެވެ. ކޮލިފައިންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގައި ކުޅޭނީ އަންނަ އަހަރު މާޗު މަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!