އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ނާގްރާ ސަރަހައްދުގެ އެކަހެރި އަވަށެއްގައި 20 އަހަރުގެ އަންހެނަކު ދެއަތް ބަނދެ ގަހެއްގައި ދަންޖައްސާފައި ހުއްޓާ އާދީއްތަ ދުވަހުގެ ހެނދުނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމީހާ ދަންޖެއްސުމުގެ ސަބަބުން މަރުވެފައިވާއިރު، އެ އަންހެންމީހާގެ ދެއަތް ފުރަގަހަށް ބަނދެފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

މަރުވެފައިވާ އަންހެންމީހާގެ މާމަ ބުނެފައިވަނީ އޭނާގެ ކާވެނި މިއަހަރުގެ އޭޕްރިލް 25 ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އަމިއްލައަށް މަރުވުމެއް ނޫން ކަމަށާއި، މިކަމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް އޭނާ ތުހުމަތު ކޮށްފައިވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އޮމްވީރް ސިންގް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިއީ ލޯބީގެ ގުޅުމަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ފެންނަ ކަމަށެވެ. އަދި މި މައްސަލައިގެ ޙަޤީޤަތް ވީހާވެސް އަވަހަކަށް ހޯދުމަށް 4 ޓީމެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އަންހެނުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތަކުގެ ޙަޤީޤަތް މި ހާދިސާއިން ހާމަވެގެންދާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސިންގް އިތުރަށް ވިދާޅުވީ މަރުވެފައިވާ އަންހެންމީހާގެ މައިންބަފައިން ފަރުވާ ހޯދުމަށް ލަކްނަވްއަށް ގޮސްފައިވާތީ، ވޭތުވެދިޔަ ދެ ދުވަހު އޭނާ ގޭގައި އެކަނި ހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނު ކަމުގެ މަޢުލޫމާތު 112 ހެލްޕްލައިނަށް ލިބުމާ ގުޅިގެން، އޭނާއާއި އެހެން އޮފިސަރުންނާއި، ކްރައިމް ބްރާންޗް އަދި ސަރވެއިލަންސް ޓީމްތައް ވަގުތުން ހާދިސާ ހިނގި ތަނަށް ގޮސްފައިވާ ކަމަށެވެ.
މިހާދިސާ އިތުރަށް ތަހްޤީޤު ކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައިވާއިރު، އިންޑިއާއަކީ މިފަދަ ހާދިސާތައް ނިސްބަތުން އެންމެގިނަ އެއް ގައުމެވެ.