މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ ފަލަސްތީނުގެ ސަފީރަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މެކްސިކޯ ސިޓީގައި ހުންނަ ނޭޝަނަލް ޕެލަސްގައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުމް ވަނީ ފަލަސްޠީނުގެ އައު ސަފީރު ނަދިޔާ އާރް. އެޗް. ރަޝީދުގެ ކްރެޑެންޝަލްސް ރަސްމީކޮށް ބަލައިގެންފައެވެ.

Ad
rt

ރަސްމީ ޙަފްލާއެއްގައި ސަފީރު ރަޝީދު ވަނީ އޭނާގެ ސަރުކާރުގެ ފަރާތުން އަދާކޮށް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަަމަލާތަކާ މެދު މެކްސިކޯގެ ގެންގުޅޭ ވިސްނުމަށް ތަޢުރީފުކޮށްފައެވެ.

ފަލަސްޠީނު އެމްބަސީގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އޮފިޝަލަކު ބުނެފައިވަނީ "ސަފީރު ވަނީ މެކްސިކޯއިން އިންސާނީ އަގުތައް ދިފާޢުކުރުމަށް ކުރާ މަސައްކަތަށް ފަލަސްޠީނުގެ ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.

މެކްސިކޯގެ ފުރަތަމަ ޔަހޫދީ އަދި އަންހެން ރައީސްގެ ގޮތުގައި، ޝެއިންބައުމް ވަނީ ދެ ދައުލަތުގެ ޙައްލަކަށް ތާއީދުކޮށް، އިސްރާއީލާއެކު މިނިވަން ފަލަސްޠީނު ދައުލަތެއް ގަބޫލުކުރުމަށް ގޮވާލާފައެވެ.

"އަޅުގަނޑުމެން ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަން ކުށްވެރިކުރަން. އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ފަލަސްޠީނަށްވެސް އިސްރާއީލު ފަދައިން ފުރިހަމަ މިނިވަންކަން ލިބެންޖެހޭނެ. މިއީ މެކްސިކޯގެ ދިގު މުއްދަތުގެ ސްޓޭންޑް. އަދި މިކަން ބަދަލެއް ނުވޭ،" ޝެއިންބައުމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އެންޑްރޭސް މެނުއެލް ލޯޕެޒް އޮބްރަޑޯ ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު ރަސްމީކޮށް ފަލަސްޠީނު ދައުލަތް ގަބޫލުކޮށް، މެކްސިކޯގައި ހުރި ފަލަސްޠީނުގެ މިޝަން ޚާއްޞަ ޑެލިގޭޝަނަކުން ފުރިހަމަ އެމްބަސީގެ ދަރަޖައަށް އުފުލާފައެވެ.

މިއީ އަހަރުތަކެއް ވަންދެން ޑިޕްލޮމެޓިކް ގުޅުމެއް އޮތް މެކްސިކޯއިން ދެ ދައުލަތުގެ ޙައްލަކަށް ތާއީދުކުރަމުން ދިޔަ ނަމަވެސް ފަލަސްޠީނު ދައުލަތް ރަސްމީކޮށް ގަބޫލުކުރުމުން ދުރުހެލިވެފައި އޮތް އޮތުން ނިމުމަކަށް ގެނައި ފުރަތަމަ ފަހަރެވެ.