އިސްރާއީލްގެ ވައިގެ ހަމަލާތަކެއްގައި 6 ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ މެޑިކަލް އޮފިޝަލުން އަނަޑޯލުއަށް ކަށަވަރުކޮށްދިން ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީގައިވާ އަލް-ތުއްފާހު ސަރަޙައްދުގައި ހުރި މަޝްހަރާވީ ޢާއިލާގެ ގެއަށް އިސްރާއީލުން ދިން ހަމަލާގައި 6 ކުދިންނާއި އިތުރު 3 މީހުން ވަނީ ޝަހީދުވެފައެވެ.

Ad
rt

މީގެ އިތުރުން، މެދު ޣައްޒާގެ އަލް-މަޣްރަޤާ ސަރަޙައްދަށް އިސްރާއީލުން ދިން އެހެން ހަމަލާއެއްގައި އިތުރު 2 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް ސޯސްތަކުން ބުނެފައިވެއެވެ.

މި ހަމަލާތަކަކީ އިސްރާއީލުން ފަހަކަށް އައިސް އިތުރަށް ހަރުކަށިކޮށްފައިވާ ހަނގުރާމައިގެ ބައެކެވެ.

ޣައްޒާ ސިޓީގެ ބެޕްޓިސްޓް ހޮސްޕިޓަލުގެ މެޑިކަލް ސޯސްއަކުން އަނަޑޯލުއަށް މަޢުލޫމާތު ދިން ގޮތުގައި، އިރުމަތީ ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދާއި، ބައިތު ލަހިޔާ އަދި އުއްމުއް ނަސްރު ރަށްތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 5 މީހުންގެ ހަށިގަނޑާއި އަދި އަނިޔާވި އެތައް ބަޔަކު ވަނީ އެ ހޮސްޕިޓަލަށް ގެނެވިފައެވެ.

ދެކުނު ޣައްޒާގެ ރަފާހު ސިޓީގައި، ދިން ހަމަލާތަކެއްގައި 5 މީހުން ޝަހީދުވެފައިވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުން އެއްވެ ތިބި ތަންތަނަށެވެ. ފުރަތަމަ ހަމަލާގައި ސިޓީގެ ހުޅަނގުގައިވާ ތެލް އަލް-ސުލްޠާން ސަރަޙައްދުގައި 2 މީހުން ޝަހީދުވިއެވެ. ދެވަނަ ހަމަލާގައި ސަޢޫދީ ސަރަޙައްދުގައި 3 މީހުން ޝަހީދުވިއެވެ.

މީގެ ކުރިން ހޮނިހިރު ދުވަހު ވެސް ޣައްޒާ ސިޓީގެ ގޭގެއާއި ދަނޑުބިންތަކަށް އިސްރާއީލުން ވަނީ ގަދަ އަށް ބޮންއަޅާފައެވެ.