އެމެރިކާގެ ބޮސްޓަންގައި ކުއަންޓަމް ކޮމްޕިއުޓިންގ ރިސާރޗް ލެބެއް ހުޅުވުމަށް އެންވިޑިއާއިން ނިންމައިފިއެވެ.

މި ލެބުގައި ހާވަރޑް ޔުނިވަރސިޓީ އަދި މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންޓިސްޓުންނާއެކު މަސައްކަތްކުރާނެ ކަމަށް އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ ވިދާޅުވިއެވެ.

Ad
rt

އޭނާ މި އިޢުލާނު ކުރެއްވީ ބުރާސްފަތި ދުވަހު ކެލިފޯނިއާގެ ސަން ހޯސޭގައި ބޭއްވުނު އެންވިޑިއާގެ އަހަރީ ސޮފްޓްވެއަރ ޑިވެލޮޕަރ ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި ކުއަންޓަމް ކޮމްޕިއުޓިންގއަށް ޚާއްޞަ ދުވަހެއް ބޭއްވުނެވެ.

ކުރިން ހުއާންގ ވިދާޅުވެފައިވަނީ ބޭނުންތެރި ކުއަންޓަމް ކޮމްޕިއުޓަރުތައް ތަޢާރަފުވާން 20 އަހަރު ނަގާނެ ކަމަށެވެ. ނަމަވެސް މިފަހަރުގެ ކޮންފަރެންސްގައި އެ ބަސްފުޅު އަނބުރާ ގެންދަވަން މަސައްކަތް ކުރެއްވިއެވެ.

"އެންވިޑިއާ އެކްސެލެރޭޓެޑް ކުއަންޓަމް ރިސާރޗް ސެންޓަރ" ގެ ނަމުގައި ހުޅުވޭ މި ލެބުގައި ކުއަންޓިނުއަމް، ކުއަންޓަމް މެޝިންސް އަދި ކުއެރާ ކޮމްޕިއުޓިންގ ފަދަ ކުއަންޓަމް ކުންފުނިތަކާއެކު މަސައްކަތްކުރާނެއެވެ. މި ސެންޓަރު މި އަހަރުގެ ފަހުކޮޅު ހުޅުވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ކުއަންޓަމް ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސްވެރިންނާއެކު ހުއާންގ ވަނީ މި ދާއިރާގެ މިހާރުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި އިންފްލެކްޝަންގެ ސީއީއޯ މެޓް ކިންސެލާ ވިދާޅުވި ގޮތުގައި މިހާރުވެސް އެ ކުންފުނިން ވަނީ ގިނަ ކްލާސިކަލް ކޮމްޕިއުޓިންގ ޗިޕްތައް ސިންކްރޮނައިޒް ކުރުމަށް ބޭނުންވާ ރަނގަޅު ކޮމްޕިއުޓިންގ ކްލޮކްތަކެއް ތައްޔާރުކޮށްފައެވެ.

ކުއަންޓަމް ކޮމްޕިއުޓިންގ އަކީ ކުއަންޓަމް މެކޭނިކްސްގެ އުސޫލުތަކަށް ބިނާކޮށް މަޢުލޫމާތު ޕްރޮސެސްކުރުމުގެ އާ ޓެކްނޮލޮޖީއެކެވެ. ކުއަންޓަމް ކޮމްޕިއުޓިންގ އަދިވެސް ވަނީ ތަރައްޤީވަމުންދާ ދާއިރާއެއްގެ ގޮތުގައެވެ. ނަމަވެސް މުސްތަޤުބަލުގައި މި ޓެކްނޮލޮޖީން ވަރަށް ގިނަ ދާއިރާތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.