އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ އެންމެ ފަހުގެ ސިއްރު ލިޔުންތައް ޔޫއެސް ނޭޝަނަލް އާކައިވްސްއިން އާންމުކޮށްފިއެވެ.
މިއީ 60 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މައްސަލައެއް ނަމަވެސް، މިހާރުވެސް ގިނަ ޝައްކުތަކެއް އުފެދިފައިވާ މައްސަލައެކެވެ.
މި ލިޔުންތައް ހާމަކުރެވުނީ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރުގެ ޖެނުއަރީ މަހު ނެރުއްވި އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ކެނެޑީގެ އިތުރުން އޭނާގެ ބޭބެ އަދި ކުރީގެ އެޓަރނީ ޖެނެރަލް ރޮބަރޓް އެފް ކެނެޑީ އަދި މަދަނީ ޙައްޤުތަކުގެ ލީޑަރު މާޓިން ލޫތަރ ކިންގް ޖޫނިއަރ އަވަހާރަކޮށްލުމާ ގުޅޭ ލިޔުންތައްވެސް ހާމަކުރުމަށް އަންގާފައިވެއެވެ.
ނޭޝަނަލް އާކައިވްސްއިން މިހާތަނަށް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ މިލިއަނުން ގުނާލެވޭ ވަރަށް ލިޔުންތައް ހާމަކޮށްފައިވެއެވެ. ނަމަވެސް ހާހުން ގުނާލެވޭ ވަރަށް ލިޔުންތައް ވަނީ ސީއައިއޭ އަދި އެފްބީއައި އިން އެދިގެން، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ހިފަހައްޓާފައެވެ.
1963 ވަނަ އަހަރުގެ ނޮވެމްބަރު މަހު 46 އަހަރުގައި އަވަހާރަކޮށްލެވުނު ކެނެޑީގެ މަރާ ގުޅޭގޮތުން ތަޙްޤީޤު ކުރި ވޮރަން ކޮމިޝަނުން ނިންމާފައިވަނީ އެ މަރު ހިންގީ ކުރީގެ މެރީން ސްނައިޕަރެއް ކަމަށްވާ ލީ ހާވީ އޮސްވަލްޑް އަމިއްލައަށް ކަމަށެވެ.
ނަމަވެސް މި ރަސްމީ ނިންމުމުން ޓެކްސާސްގެ ޑަލާސްގައި ކެނެޑީ މަރާލުމުގެ ފަހަތުގައި އެއަށްވުރެ ނުބައި ރޭވުމެއް އޮތް ކަމުގެ ޝައްކުތައް ފިލުވައެއް ނުލެވުނެވެ. އަދި ސަރުކާރުގެ ލިޔުންތައް ލަހުން ހާމަކުރަމުން ދިއުމުން އެކި ބާވަތުގެ ޝައްކުތަކަށް އިތުރު ބާރު ލިބިގެން ދިޔައެވެ.
ކެނެޑީއާ ބެހޭ ގޮތުން ދިރާސާކުރާ ޢިލްމުވެރިން ބުނާ ގޮތުގައި އާކައިވްސްގައި އަދިވެސް ހިފެހެއްޓިފައި ހުރި ލިޔުންތަކުގައި އެއްވެސް ބޮޑު ސިއްރެއް ހާމަވާނެ ކަމަކަށް ނުވަތަ އެމެރިކާގެ 35 ވަނަ ރައީސް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފެތުރިފައިވާ ޝައްކުތައް ފިލުވައިލާނެ ކަމަކަށް ނުބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!