ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީން ޝަހީދު އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ނިންމީ އިއްޔެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވައި ވޯޓަށް އަހާފައެވެ.
އެ ނިންމުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރަން ފެންނަކަމަށް 64 މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އެ މަގާމް ހުސްވުމުން ޖޭއެސްސީން ވަނީ އެ މަޤާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލާފައެވެ. ދެވަނަ ފަހަރަށް ހުޅުވާލީ ފުރަތަމަ ހުޅުވާލުުމުގައި ކުރިމަތިލީ އެންމެ ބޭފުޅެއްކަމުން އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ނުލިބޭކަން ފާހަގަކޮށްފައެވެ. އެ ފަހަރު ކުރިމަތިލެއްވީ ދެވަނަ ފަހަރުވެސް ކުރިމަތި ލެއްވި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މަރްޔަމް ނިހާޔަތެވެ. ދެވަނަ ފުރުސަތުގައި ނިހާޔަތުގެ އިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމް ވަނީ ކުރިމަތިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!