ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް ހިންގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓާތުވައިޓް ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް, އަދި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމުން ސަސްޕެންޑްކުރި ބައެއް ފަނޑިޔާރުން ވަނީ އދ. އާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ހުށަހަޅައިފައެވެ.
މާގަރެޓް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން މަޖިލީހުން ފާސްކުރީ، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުންނެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލާގެ އަޑުއެހުމެއް ތާވަލްކޮށްފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!