ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށްފިއެވެ.
މި ނިޒާމު ގާއިމުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމުގެ ގޮތުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ދަށުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފުކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
"މި ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުޞަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން، ކާރު ޗާޖުކުރުމަށް އީވީ ޗާޖިންގ ސްޓޭޝަންތަކެއްވެސް ގާއިމުކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން އިލެކްޓްރިކް އުޅަނދުތަކަށް ލޯބިކުރާ ފަރާތްތަކަށް އެފަދަ އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން މި މަޝްރޫޢުގެ ދަށުން އިލެކްޓްރިކް ސައިކަލުތަކުގެ ޓެސްޓް ރައިޑް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލުމަށް ނިންމާފައިވާއިރު، މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ޝައުގުވެރިކަން އުފައްދައި، އެފަދަ އުޅަނދުތަކަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތެކެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މި ނިޒާމަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ. މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި ނިޒާމުގެ ސަބަބުން މާލޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށްވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން،" ފަހުމީ ވިދާޅުވިއެވެ.
މާތްﷲ ގެ ވާގިފުޅާއެކު، ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ @MMuizzu ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި… pic.twitter.com/z7m9DS2mqh
— Hussain Fahmy (@HussainFahmy09) March 18, 2025
މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯއިން މި މަޝްރޫޢު ފަށާފައިވަނީ ދިވެހިންނަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއާއި ތަހުޒީބުގެ މަގުގައި އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގޮގޯރޯ ބްރޭންޑްގެ އިލެކްޓްރިކް ސައިކަލުތަކާއި ބެޓެރި ބަދަލުކުރެވޭ ނިޒާމުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މަޤްބޫލުކަން ލިބިފައިވާ ނިޒާމުތަކެކެވެ. މި ނިޒާމުތަކުގެ ސަބަބުން އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް ހުރި ގިނަ ގޮންޖެހުންތަކަށް އެހީތެރިކަން ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!