އއ. ތޮއްޑޫގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަނިޔާކޮށް އަދި ފުލުހުންގެ ވެހިކަލަށް ގެއްލުންދިން ރަޝިއާގެ ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް ގޮސް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު އެރަށުގެ ވަޅުމަގު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއްގެ ރިޕޯޓު ފުލުހުންނަށް ލިބުނެވެ.
މި މައްސަލަ ބެލުމަށް ފުލުހުން ސީނަށް ދިޔުމުން، އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައެވެ. އަދި އެ ފަތުރުވެރިޔާ ވަނީ ފުލުހުންނަށް އަނިޔާކޮށް، ފުލުހުންގެ ވެހިކަލަށްވެސް ގެއްލުންދީފައިކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނެފައިވަނީ މި މައްސަލަ މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!