ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމާ ގުޅޭ ޚާއްޞަ އޮޑިޓެއް ހަދައި، އެ އޮޑިޓުން ފާހަގަވި މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، މި މައްސަލަ އިތުރަށް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައި ވަނީ، މި މައްސަލަތަކާއި ގުޅިގެން "ބިންވެރިޔާ" ސްކީމާ ގުޅޭގޮތުން ކުރެވުނު ޚާއްޞަ އޮޑިޓުން އިތުރު މައްސަލަތަކެއް ފާހަގަވެފައިވާކަމަށެވެ. އަދި އެ މައްސަލަތައް އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ," އެޗްޑީސީން ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!