ސްޓެލްކޯއިން ހުޅުމާލޭގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި އެ ކުންފުނީގެ އެނެކްސް2 އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ބޭނުންކުރުމަށް ތަރައްގީކުރި މި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

Ad
rt

ރަސްމިއްޔާތުގައި އިންޖީނުގޭގައި ސްޓެލްކޯގެ ދިދަ ނެންގެވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި ދިވެހި ދިދަ ނެންގެވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާއެވެ.

މީގެ އިތުރުން އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ވަނީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ސްޓާޓްކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލި ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން 48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް، ބިން އެއްވަރުކޮށް، ފިއުލް ލައިން އެޅުމާއި، ކޭބަލްތައް ގްރިޑާ ގުޅާލުމުގެ މަސައްކަތަށް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށް އެމްޑީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، މި މަސައްކަތް ކުރިއަށްދިޔަގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށާއި، އެމަނިކުފާނުގެ އިރުޝާދާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރޯދަމަހުގައިވެސް މެދުކެނޑުމެއްނެތި މަސައްކަތްކުރި މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިވަގުތު 7 ޖަނަރޭޓަރު ސެޓް ވަނީ ކޮމިޝަން ކުރެވިފައެވެ. އަދި އިތުރު 5 ޖަނަރޭޓަރު ސެޓް ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެއެވެ.