ޕާކިސްތާނުގެ ޤައުމީ އެއަރލައިން ކަމުގައިވާ ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީ.އައި.އޭ)ގެ އެތެރޭގެ ދަތުރެއް ކުރި މަތިންދާބޯޓެއް އެއް ފުރޮޅު ނެތި ލާހޯރު އެއަރޕޯޓަށް ޖައްސާލާފައިވާ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލެއް ހާމަކޮށްފިއެވެ.
ނަމަވެސް މި ހާދިސާގެ ސަބަބުން އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާ ކަމަށްވެސް އެ އޮފިޝަލް ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ކަރާޗީން ލާހޯރަށް ފުރި ޕީ.އައި.އޭގެ ޕީކޭ-306 ފްލައިޓް ލާހޯރު އެއަރޕޯޓަށް ޖެއްސިއިރު ފަހަތުގެ އެއް ފުރޮޅު ނެތްކަން ފާހަގަކުރެވުނެވެ. މި ހާދިސާއާ ގުޅިގެން ތަޙްޤީޤެއް ފަށާފައިވާ ކަމަށް ޕީ.އައި.އޭގެ އޮފިޝަލެއް ވަނީ ޕީ.ޓީ.އައި އަށް މަޢުލޫމާތު ދީފައެވެ.
މި އޮފިޝަލް އިތުރަށް ބުނެފައިވަނީ މަތިންދާބޯޓް ކަރާޗީން ފުރިއިރުވެސް ފުރޮޅު ގެއްލިފައިވީތޯ ނުވަތަ ފުރުމުގެ ތެރޭގައި ފުރޮޅު ނެއްޓި ވެއްޓުނީތޯ ބަލަމުންދާ ކަމަށެވެ. އަދި ކަރާޗީ އެއަރޕޯޓުން ފުރޮޅުގެ ބައެއް ފެނިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"މަތިންދާބޯޓް ފުރިއިރުވެސް ފަހަތުގެ އެއް ފުރޮޅު ހަލާކުވެފައިވާ ކަމަށް ބެލެވޭ،" އެ އޮފިޝަލް ބުންޏެވެ.
ޕީ.އައި.އޭގެ ތަރުޖަމާނެއް ބުނެފައިވަނީ ޕީކޭ-306 ފްލައިޓް ވަނީ ޝެޑިއުލްކުރެވިފައިވާ ގޮތަށް "އޮމާންކަމާއެކު" ޖައްސާލާފައި ކަމަށެވެ. އަދި ފަސިންޖަރުން އާންމު އުސޫލުން ބޯޓުން ފައިބައިފައިވާ ކަމަށާއި، ޕައިލެޓް ބޯޓް ޗެކްކުރިއިރު ފަހަތުގެ ހަ ފުރޮޅުގެ ތެރެއިން އެއް ފުރޮޅު ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
"އާންމު އުސޫލުން، މި މައްސަލަ ޕީ.އައި.އޭގެ ފްލައިޓް ސޭފްޓީ އަދި ލާހޯރު އެއަރޕޯޓުގެ ޓީމުތަކުން ބަލަމުންދާނެކަމަށާއި އަދި ފަހުން ރިޕޯޓެއް ހުށަހަޅާނެކަމަށް އެ ތަރުޖަމާނު ބުންޏެވެ.
އިތުރަށް އޭނާ ބުނެފައިވަނީ މި ފަދަ ހާލަތްތަކަށް ރިޢާޔަތްކޮށް މަތިންދާބޯޓް ފަރުމާކުރެވިފައިވާ ކަމަށާއި، މި ހާދިސާގެ ސަބަބުން އެއްވެސް އާލާތަކަށް ނުވަތަ ފަސިންޖަރުންނަށް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!