ޣައްޒާގައި އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި އަނެއްކާވެސް އިތުރު ނޫސްވެރިޔަކު ޝަހީދުވެފައިވާއިރު މިއީ އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި 206 ވަނަ ނޫސްވެރިޔާއެވެ.

ފަލަސްޠީނު ނޫސްވެރިންގެ ފޯރަމުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ޣައްޒާގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިޔާ ޝަހީދުވެފައިވަނީ އިސްރާއީލުން ދިންހަމަލާތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން އެންމެފަހުން ޝަހީދުވި ނޫސްވެރިޔަކީ އަލްއާ ހާޝިމްއެވެ.

Ad
rt

މި އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢު އިޚްތިޔާރުކޮށްފައިވާ ހަނުހުރުމާއި، ފަލަސްޠީނު ނޫސްވެރިން ހިމާޔަތްކުރުމަށް ފިޔަވަޅު ނޭޅުން، ފަލަސްޠީނު ނޫސްވެރިންގެ ފޯރަމުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނިއްޔަތުގެ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫސްވެރިންނަށް އެމީހުންގެ ފަންނީ މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށް ގޮވާލާފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ގައިދީން ދޫކޮށްލުމުގެ އެއްބަސްވުމެއް ޖެނުއަރީ މަހު ވުޖޫދަށް އައި ނަމަވެސް، ޣައްޒާގެ އިދާރާތަކުން ބުނާ ގޮތުގައި އިސްރާއީލުން ހަމަ ކޮންމެ ދުވަހަކުހެން ދަނީ މި އެއްބަސްވުމާ ޚިލާފުވަމުންނެވެ. މިހާތަނަށް އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 48،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.