އިސްރާއީލުން ފަލަސްތީނުގެ އަންހެނުންނަށް ދެމުންދަނީ "ނަސްލު ނައްތާލުމުގެ އަނިޔާ" ކަމަށް އދ. އިން ބުނެފިއެވެ.
އދ. ގެ މާހިރުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި އަންހެނުންގެ ޞިއްޙީ ޚިދުމަތްތައް ދޭ މަރުކަޒުތައް ނައްތާލުމާއި، ޖިންސީ އަނިޔާ ހަނގުރާމައިގެ ސްޓްރެޓެޖީއެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށެވެ. މިއީ ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ "ނަސްލު ނައްތާލުމުގެ އަމަލުތަކެއް" ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
ޖެނީވާގައި މަސައްކަތްކުރާ މިނިވަން ބައިނަލްއަޤްވާމީ ތަޙްޤީޤު ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު އައު ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާއީލުން "ގަސްތުގައި ހަމަލާދީ ނައްތާލާފައިވަނީ" ޣައްޒާގެ މައި ފަރޓިލިޓީ ސެންޓަރުކަމަށެވެ. އަދި އޭގެ އިތުރުން ޣައްޒާއަށް މާބަނޑު އަންހެނުންނަށާއި، ވިހެއުމަށް އަދި ނުއުފަންވާ ކުދިންނަށް ބޭނުންވާ ބޭސްފަރުވާގެ ތަކެތި ވަނުން ވެސް ހުއްޓުވާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާގައި ފެށި ހަނގުރާމައިގައި "ނަސްލު ނައްތާލުމުގެ ދެ ބާވަތުގެ އަމަލުތަކެއް" ހިންގާފައިވާ ކަމަށެވެ.
ނަމަވެސް، އިސްރާއީލުން މި ތުހުމަތުތަކަށް ދެކޮޅު ހަދާފައިވެއެވެ. އިސްރާއީލުގެ ޖެނީވާ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހަޤީޤަތާ ޚިލާފު މި ތުހުމަތުތައް އިސްރާއީލުން ބަލައިނުގަންނަ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!