ހައިޑްރޯލިކްސް މައްސަލައެއް ދިމާވެ، ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްކޮށްފިއެވެ.
އެމެރިކާގެ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އިއްޔެ ރޭ ދަތުރު ފަށަން ހަމަޖެހިފައިވާ ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްފައިވާއިރު، މިޝަން ފަސްކުރީ ދަތުރު ފެށުމުގެ 45 މިނެޓް ކުރިން، ހައިޑްރޯލިކްސް މައްސަލައެއް ދިމާވުމުންނެވެ.
ބައިނަލްއަޤްވާމީ ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ހަތަރު އެސްޓްރޯނޯޓުން ގެންދިއުމަށް ހަމަޖެހިފައިވާ މި މިޝަން ފެށުމަށް ހަމަޖެހިފައިވަނީ ފާލްކަން 9 ރޮކެޓެއްގައި، ރޭ 7:48 ޕީއެމް އީޑީޓީ (2348 ޖީއެމްޓީ) ގައެވެ. މައްސަލަ ދިމާވެފައިވަނީ ރޮކެޓް ލޯންޗްޕެޑަށް ގެންގޮސް ބެހެއްޓުމަށް ބޭނުންކުރާ ޓްރާންސްޕޯޓަރ-އެރެކްޓަރ އަށެވެ.
މިޝަންގެ ކޮމާންޑަރ، ނާސާގެ އެސްޓްރޯނޯޓް އޭން މެކްކްލެއިން ވިދާޅުވީ މައްސަލަ ހައްލުވުމުން ދަތުރަށް ފަށާނެ ކަމަށެވެ. ފާލްކަން 9 ރޮކެޓް އަދި ކުރޫ ޑްރެގަން ކެޕްސިއުލް "އެންޑިއުރަންސް" އަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނާސާއިން ވެސް ބުނާ ގޮތުގައި މައްސަލަ ދިމާވެފައިވަނީ ޓްރާންސްޕޯޓަރ-އެރެކްޓަރގެ ކްލެމްޕް އާމަށެވެ. މިއީ ރޮކެޓް ދޫކޮށްލުމުގެ ކުރިން ހިފަހައްޓާ ބައެކެވެ.
ނާސާގެ ކޮމާޝަލް ކުރޫ ޕްރޮގްރާމްގެ ލޯންޗް ވެހިކަލް އޮފީސް މެނޭޖަރ މައިކް ރޭވެންސްކްރޮފްޓް ވިދާޅުވީ ކަންބޮޑުވުން އުފެދިފައިވަނީ ރޮކެޓް ދޫކޮށްލާއިރު އެ ހިފަހައްޓާފައި ހުންނަ ގޮތާ ގުޅޭގޮތުން ކަމަށެވެ.
ސްޕޭސްއެކްސް އަދި ނާސާގެ އިންޖިނިއަރުން މައްސަލަ ދިރާސާކުރުމަށްފަހު މިޝަން ފަސްކުރުމަށް ނިންމާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!