އެމެރިކާގެ ތަޢުލީމީ ވުޒާރާއިން މުވައްޒަފުންގެ ދެބައިކުޅައެއްބައި ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
އެމެރިކާގެ ތަޢުލީމީ ވުޒާރާއިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ވުޒާރާގެ މުވައްޒަފުންގެ ދެބައިކުޅައެއްބައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ސަރުކާރުގެ އިދާރާތަކުން ހުށަހަޅަންޖެހޭ ދެވަނަ ބުރުގެ މުވައްޒަފުން ދޫކޮށްލުމުގެ ޕްލޭންގެ ބައެއްގެ ގޮތުގައެވެ.
ތަޢުލީމީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ވަކިކުރުންތަކަކީ އެ ވުޒާރާގެ "އެންމެ ފަހުގެ މިޝަން" ގެ ބައެއް ކަމަށެވެ. މިއީ ރައީސް ޓްރަމްޕް އެ ވުޒާރާ އުވާލުމަށް ނަންގަވާފައިވާ ވަޢުދަށް އިޝާރާތްކޮށްފައިވާ ކަމެކެވެ. މި ވުޒާރާއަކީ 1.6 ޓްރިލިއަން ޑޮލަރުގެ ކޮލެޖް ލޯނުތައް ބަލަހައްޓައި، ސްކޫލްތަކުގައި މަދަނީ ޙައްޤުތަކާބެހޭ ޤާނޫނުތައް ތަންފީޒުކޮށް، އަދި އެހީ ބޭނުންވާ ސަރަޙައްދުތަކަށް ފެޑެރަލް ފަންޑިންގ ފޯރުކޮށްދޭ އިދާރާއެވެ.
ތަޢުލީމީ ވުޒާރާގެ ވަޒީރު ލިންޑާ މެކްމަހޮން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މި ވަކިކުރުންތަކަކީ އެ ވުޒާރާ އުވާލުމަށް މަގުފަހިކުރާނެ ކަމެއް ކަމަށެވެ. އަދި މިއީ "ރައީސްގެ އަމުރު" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ވަކިކުރުންތަކާ ގުޅިގެން ވުޒާރާގެ މުވައްޒަފުންގެ އަދަދު 4,133 އިން 2,183 އަށް ދަށްވާނެއެވެ.
މުވައްޒަފުން ވަކިކުރާނެކަން އިޢުލާނުކުރުމުގެ ކުރިން، ވޮޝިންގްޓަން ސަރަޙައްދުގައި ހުރި އޮފީސްތައް އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މުވައްޒަފުންނަށް ބަންދުކުރުމަށް އަންގާފައިވެއެވެ. މިއީ ސަލާމަތީ ކަންކަމާ ގުޅިގެން ކަމަށް ބެލެވެއެވެ.
މީގެ ކުރިން މިފަދަ ބަންދުކުރުންތަކަކީ ޔޫ.އެސް. އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އަދި ކޮންސިއުމަރ ފައިނޭންޝަލް ޕްރޮޓެކްޝަން ބިއުރޯ ފަދަ އިދާރާތައް ބަންދުކުރުމުގެ ކުރިން ކުރެވުނު ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!